ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ މި ދުވަސްކޮޅުގައި ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކަަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ނެތް ރަށްރަށުގައި ސްކޫލްތައް ހުޅުވަން ނިންމާފައި ވަނީ ޖުލައި 01 ގައެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެެންއީއޯސީ)ގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އައިޝަތު ވިދާޅުވީ، ޔުނިސެފްގެ އެހީއާއެކު ތައުލީމީ ދާއިރާގެ ކޮވިޑް-19 ރެސްޕޮންސް ޕްލޭން މިހާރު ހަދާ ނިމިފައިވާ ކަމަށެވެ. އަދި މި ޕްލޭންގައި މައިގަނޑު ފަސް ބައެއް ހިމެނިގެން ވާ ކަމަށެވެ.

އެގޮތުން އެ ޕެލޭންގައި ހިމެނޭ ބައިތަތަކީ ސްކޫލްތައް ރައްކާތެރިކަމާއެކު ހިންގުމާއި، ކިޔަވާދިނުމާއި އުނގެނުން މެދުނުކެނޑި ކުރިއަށްގެންދިއުމާއި ވަލްނަރަބަލް ކުދިންނަށް އަޅުގަނޑުމެން ވާސިލްވުމާއި، ބަލިން ރައްކާތެރިވުމަށް ރެޒިލިއަންސް ބިލްޑް ކުރުމާއި މިހާލަތުގައި ސްކޫލް ހިންގުމާއި ކޯޑިނޭޓް ކުރުމެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު އެ މިނިސްޓްރީ އާއި ސްކޫލްތައް ގުޅިގެން ކުރިއަށްދަނީ ސްކޫލްތައް ހުޅުވެން ވާއިރަށް ވާން ޖެހޭ ތައްޔާރީތަކާއި، ސްކޫލް ހުޅުވުމުން ދެން ކުރަން ޖެހޭ ކަންތައްތަކަށް ކަމަށެވެ.

ސްކޫލްތައް ހުޅުވުމުގެ ކުރިން ކުރަން ކަނޑައަޅާފައިވާކަންކަން

1 ކޮވިޑް-19ގެ ބަލިމަޑުކަން މިހާރު ތަހަންމަލު ކުރަމުންދާ ކުދިންނާއި މުވައްޒަފުންގެ މައުލޫމާތު ހޯދައި، އެ ކުދިންނަށް ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދެވޭނެ ގޮތްތަކެއް އިންތިޒާމް ކުރުން

"އެ މަސައްކަތް މިހާރުވެސް މިނިސްޓްރީން ކުރިއަށް އެބަދޭ، ފެސިލިޓީގައި ތިބި ކުދިންނާއި، އަދި ބަލިން ސަލާމަތްވެގެން ގޭގައި ތިބި ކުދިންނަށް ފިލާވަޅުތައް ގެންދަނީ ފޯރުކޮށްދެމުން". މިނިސްޓަރ ވިދާޅުވިއެވެ.

2 ސިއްހީ ގޮތުން ހައި ރިސްކުގައި ތިބި ކުދިންގެ މައުލޫމާތު އެއް ކުރުން

"އެ ކުދިންނަށް އަޅުގަނޑުމެން ކިޔަވާ ދިނުމުގެ ގޮތްތައް ރާވައި އެކަންކަން އަޅުގަނޑުމެން ސްކޫލްތަކާއި ހިއްސާ ކުރެވިފައި ވަނީ". މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިކަންކަން ނިންމުމުގެ ކުރިން މަޝްވަރާތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އާއި މިނިސްޓްރީގެ ސްޓާފުންނާއި، ސްކޫލްތަކާއިވެސް މަޝްވަރާ ކުރެވިފައިވާނެ ކަމަށެވެ.

3 ހޭންޑް ހައިޖީން އާއި ރެސްޕިރޭޓަރީ ހައިޖީންއަށް ސަމާލުކަން ދިނުން

"އެގޮތުން ހުރިހާ ސްކޫލްގައި ވޮޝް ފެސިލިޓީއެއް ގާއިމް ކުރުމަށް މިހާރު މަސައްކަތްތަކެއް ކުރެވިފައި ވަނީ، ވޮޝް ފެސިލިޓީ ނެތްތަންތަނުގައި އަޅުގަނޑުމެން އަތް ދޮވެވޭނެ ސިންކުތަކާއި އެއްޗެހި ހެދުމާއި އަދި ސާފް ކުރަން ބޭނުންވާ ވަސީލަތްތައް އެތަންތަނަށް ފޯރުކޮށްދެމުން މި ގެންދަނީ". މިނިސްޓަރ ވިދާޅުވިއެވެ.

އަދި ސްކޫލްތައް ޑިސްއިންފެކްޓް ކުރުމާއި ސެނެޓައިޒް ކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ސްކޫލްތަކަށް މިހާރު ފޯރުކޮށްދީފައިވާނެ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ. އަދި އަތް ދޮންނަންވީ ގޮތުުގެ މައުލޫމާތު ދިނުމަށް ދަރިވަރުންނާއި ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސެނެޓައިޒް ކުރުމާއި،ޑިސްއިންފެކްޓް ކުރާނެ ގޮތް ސަޕޯޓް ސްޓާފުންނަށް ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، އިތުރު ތަމްރީން ޕްރޮގްރާމްތަކެއްވެސް ހިންގަމުންދާކަމަށް މިނިސްޓަރ މިރޭ ވަނީ ވިދާޅުވެފައެވެ. އެގޮތުން މުދައްރިސުން ބޭސިކް ސައިކޯ ސޯޝަލް ސަޕޯޓް ޓްރޭނިންގތަކެއް މުވައްޒަފުންނަށް ދެމުންގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވާނެ ކަން ކަށަވަރު

މިނިސްޓަރ ވަނީ ކޮންމެ ސްކޫލަކަށްވެސް ވަކި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)އެއް ތައްޔާރު ކުރެވެމުންދާކަންވެސް ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެން ބެލެނެވެރިންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވާނެކަން". މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ސްކޫލަށް ދަރިވަރުން ވެއްދޭނީ ހުން ބެލުމަށްފަހުގައި ކަމަށާއި، އެގޮތުން ގޭޓުން ވަންނައިރު ކުދިންގެ ހުން ބެލުމާއި، ސްކޫލް ތެރޭގައި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސްކޫލްގެ ކްލާސް ރޫމްގެ ސައިޒް މިހާރު ވަނީ ކުޑަ ކުރެވިފައި،ގާތް ގަނޑަކަށް 30 ނޫނީ 32 ކުދިން ތިބޭ ކްލާހެއްގެ ސައިޒް މިހާރު އަޅުގަނޑުމެން މި ވަނީ 16 ކުދިން އެއް ވަގުތެއްގައި ކްލާހުގައި ތިބޭ ގޮތަށް ހަމަޖައްސާފައި". މިނިސްޓަރ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، ސްކޫލް މާހައުލުގައި ގައުދުރުކަން ބެހެއްޓޭނެ ގޮތަށް މާކްތަކެއް ލެވިފައިވާކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާޒިމާ

    ދެފައިގަ ހިފާ އާދޭސް ކުރަން މާލޭގެ ސްކޫލް ތައް ނުހުޅުވާ/ ސުބުޙާނަﷲ 16 ކުދިން 3ފޫޓު ދުރުގައި ކުދިން ބޭތިއްބޭނެ ސްކޫލެއް މާލޭގައި ނުހުންނާނެ. ޗާނދަނީ މަގުގައި އެހެރީ ތިން ސްކޫލް އަނެއްކޮޅުން ޓާރމް އެއޮތީ ދަންމާލާފަ/

  2. މުނިޔާ

    ފޮނިނުކަނޑާ، ރެހެންދި ސްކޫލަކު ތިކަމެ އް ނުކުރެވޭނެ، މެނޭޖްމަންޓް މޫނު ނުޖެހޭ، އިންތިހާ އަށް ދޯދިޔާ، ޕްރިންސިޕަލަކީ 2000 ދެހާސް ދަރިވަރުންނާ އެތަ އް މުވަ އްޒަފުން ގޮވަ އިގެން މަސަ އްކަތް ކުރެވޭވަރުގެ ކެޕޭސިޓީ އެ އް ހުރި ސިކުނޑި އެ އްގެ ވެރި އެ އްނޫން، މުޅިންވެސް ބަޔަކު ކޮށްފަ ހުންނަ ކަންކަން ކޮޕީކުރުން ނޫން ކަމެ އް ނުކުރާނެ، އަމި އްލަ ވިސްނުމެ އް ނެތް، ކުލާސް ރޫމުތަކުގަ ދަރިވަރުން އުޅޭނެގޮތަކަށް އުޅުމާ، މުދަ އްރިސުން ކުލާހުގަ ފޯނަށްފިތުންނޫން ކަމެ އް ނުކުރޭ. ދަރިވަރުން ސިޑިތަކުން އަރާ ފަ އިބާ އިރު ހީވާނީ ބާޒާރުމަތިހެން، 3 މަސްދުވަސް ވަންދެން ދަރިން ގޭގަ ހިފަހަ އްޓަ އިގެން މިތިބީ ބޭނުމަކު، މާލެސިޓީގެ ހާލަތަށް އެ އްވެސް ބަދަލެ އްނާދެ. ރަ އްޔިތުންގެ ޕްރެޝަރު ބޮޑުވެ ސަރުކާރު އަރި އަޅާލަ ފާނެތީ ބިރުންތޯ ތިޔަ އުޅު އްވަނީ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  3. ޙަސަން

    މިނިސްޓަރަށް ނެރުވުނު ނަތީޖާ އަކީ ކޮބައިބާ މިހާ ދިގު މުއްދަތެއް ދަރިވަރުން ނުކިޔެވި ތިބެ ދިގުލައިގެން ދިޔައިރު؟ވަރަށް މަޢާފު މިހެން ބުނަން ޖެހޭތީ، ނަމަވެސް ފެނުނީ މިނިސްޓަރުގެ ޒިންމާދާރުކަން ކުޑަ ކަމާއި މިނިސްޓަރު ކަމުގެ ނާޤާބިލްކަން. މި ކޮމެންޓް ޝާޢިރު ކުރާނެކަމަށް އުއްމީދު ކުރަން! ވަރަށް ސަލާމް!

  4. ފިޔަވަޅު

    ކޯންޗެް ނުއެލޭވާހަކައެއްތަ މިދައއކަނީ.
    ތިބުނާ އެއްޗެއް ނުއެލި ކުދިނަނަށް ގޭގަ ތިބެ ކިޔެވުނީ ރައީސް ޔާމީންގެ ދައުރު ދެއްވި ޓެބްލެޓް ތަކުގެ ސަބަބުން .