ކޮވިޑް-19 އާ ހެދި ވަގުތީ ގޮތުން ރަށަށް ބަދަލުވެފައި ކުދިންނަށްވެސް އެ ރަށު ސްކޫލުތަކުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ހެދި މާލެ ސިޓީގައި ދިރިއުޅެމުންދާ މީހުންގެ ދިރިއުޅުމަށް އައި ލޮޅުންތަކުގެ ސަބަބުން މިހާރު ގިނަ އާއިލާތައް ވަނީ މާލެ އިން ރަށަށް ބަދަލުވެފައެވެ. އަދި ބައެއް އާއިލާތައް ވަނީ ވަގުތީ ގޮތުން ރަށަށް ބަދަލުވެފައެވެ. އަދި ޖުލައި އެއް ވަނަ ދުވަހު ކިޔެވުން ފަށާއިރު، މާލޭ ސްކޫލްތަކުގައި ކިޔަވާ ބައެއް ދަރިވަރުން ރަށްތަކަށް ގޮސްފައިވުމުން، އެ ދަރިވަރުންގެ ކިޔެވުމަށް ވާނެ ގޮތަކާއި މެދު ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެެންއީއޯސީ)ގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އައިޝަތު ވިދާޅުވީ، މި ހާލަތުގައި ރަށަށް ބަދަލުވެފައިވާ ދަރިވަރުންނަށް އެރަށު ސްކޫލުން ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

"އެއީ ވަގުތީ ގޮތުން "ރަށަށް ބަދަލުވި ބަދަލުވުމެއް" ކަމުގައިވިޔަސް، މާލެ ސްކޫލްގެ ފުރުސަތު ގެއްލިގެން ނުދާނެ، އެ ދަރިވަރު އެރަށެއްގައި ހުންނަ ހާ ދުވަހެއްގައި އެރަށު ސްކޫލުން ދަރިވަރަށް ތައުލީމު ލިބިގެންދާނެ. އެކަން ކަށަވަރު ކުރާނަން". މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރަށަށް ބަދަލު ވެފައިވާ ކުދިން ސްކޫލަށް ދާއިރު، އާ ޔުނީފޯމް ލާން ނުޖެހޭނެ ކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ. އަދި މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ދިޔުން ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ސްކޫލްތަކުގައި އަލުން ކިޔަވަން ފަށަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ. މިގޮތުން ހުޅުވަން ނިންމާފައި ވަނީ ކޮވިޑް-19 ނެތް ރަށްތަކުގެ ސްކޫލްތަކެވެ. އަދި މި ރަށްތަކުގައި ގްރޭޑް 01 އިން ފެށިގެން މަތީގެ ހުރިހާ ގްރޭޑް ތަކަކަށް ކިޔެވުން ފަށާނެ އެވެ.

މި ދުވަހުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ ހަފްތާއަކު ހަތަރު ދުވަހު އެވެ. ކިޔެވުން އޮންނާނީ ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރަށެވެ.

ކޮވިޑް-19 މިހާރު ފެތުރެމުން ދަނީ ހަމައެކަނި މާލެ ސަރަޙައްދުގައި ކަމަށްވާއިރު، ޖުލައި 01 ގައި ރަށްރަށުގައ ހުރިހާ ގްރޭޑެއްގެި ކިޔެވުން ފެށުނު ނަމަވެސް މާލޭގެ ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ދާނީ ހަމައެކަނި ގްރޭޑް-09 އިން ފެށިގެ މަތީގެ ގްރޭޑްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޢޭ އެންމެހާޓީޗަރުންނޭ ބެލެނިވެރިންނޭ ސްކޫލް ހުޅުވޭދުވަހު ޝުކުރުގެ ސަޖިދަ ކުރައްވާ ދުއާކުރުން ގިނަ ކުރާށެވެ ތިބޭފުޅުންގެ ޅަދަރިން ބޯމަތިންނާ ފައިތިލަދަށުން ރަހުމަށް ބާވާލެއްވުމަށްޓަކައެވެ ﷲދެއްވާ ރައްކާތެރި ކަމެއެމެނުވީ ނުލިބޭނެ ކަން ދަނެބިރުވެތިވޭ

  2. ސުވާލެއް

    ތިޔަހައި ކުދިންގެ ކިޔެވުމަށް ސަމާލުކަން ދެއްވާކަމަށް ސަރުކާރުންް ވިދާޅުވާއިރު، "ޢަރަބިއްޔާ ސްކޫލުގެ" ކުދިންނަށް ސަރުކާރުން ހިންގާ ޗެނަލްތަކުން ޓެލެކިލާސްތައް ދައްކަން ފުރުޞަތު ނުލިބެންވީ ސަބަބަކީ ކޮބައިތޯ؟
    ޢަރަބިއްޔާގައި ވެސް ކިޔަވަނީ ދިވެހި ކުދިން.

  3. ޙަސަން

    މިނިސްޓަރަށް ނެރުވުނު ނަތީޖާ އަކީ ކޮބައިބާ މިހާ ދިގު މުއްދަތެއް ދަރިވަރުން ނުކިޔެވި ތިބެ ދިގުލައިގެން ދިޔައިރު؟ވަރަށް މަޢާފު މިހެން ބުނަން ޖެހޭތީ، ނަމަވެސް ފެނުނީ މިނިސްޓަރުގެ ޒިންމާދާރުކަން ކުޑަ ކަމާއި މިނިސްޓަރު ކަމުގެ ނާޤާބިލްކަން. މި ކޮމެންޓް ޝާޢިރު ކުރާނެކަމަށް އުއްމީދު ކުރަން! ވަރަށް ސަލާމް!

  4. ދޮނާ

    ހެޔޮނުވާނެ ކަމަނާ އޮން ލައިން ކޮން ކިޔެވުން އެއީ ވާވަރު ކަމެއްނޫން އަގުބޮޑުކަމުން ކުރީންހީވެފަ އޮތީ ދިރާގުން އެކަނިމިކަން ކުރާތިއްޔޭ އަގުބޮޑީ އެހެނެއް ނޫން އުރީދޫ އަފަހުން ހީވަނީ މިދެބައި މީހުން އެއްބަސްކިޔާ ފަކުރާކަމެން ހެން ކަމަނާ މެންގެ ސަރުކާރުގަ އިންޓަނެޓް އަގު ހެޔޮވާނެވާހަކަބުނި 1 އަހަރުނިމި އަނެތް އަހަރުނިމެނީ ؟؟