ކުރީގެ ރައީސް މުހައްމަދު ނަޝީދު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ކުރީގެ ރައީސް މުހައްމަދު ނަޝީދު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އިދިކޮޅުގައި ތިއްބެވި ގިނަ ލީޑަރުންނަކީ ރާއްޖޭގެ ވެރިކަމަށް ކެތްމަދުވެފައިވާ ބައެއްކަން ކަށަވަރުވެފައި ވީ ނަމަވެސް މިހާރު އިދިކޮޅުގައި އެއްގަލަކަށް އަރާވަޑައިގެން އެއްއަމާޒަކަށް ދަތުރުކުރައްވާ ކަމަށް ވިދާޅުވާ ހުރިހާ ލީޑަރުންވެސް ދައްކަވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެވެރިން އެއްބަސްވާ އެއްކެންޑިޑެޓަކު ނެރޭ ވާހަކައެވެ. އެކިފަހަރު އެކި ގޮތަށް އެކި ހާލަތު ތަކުގައި އެވާހަކަ ދައްކަވަމުން ދިޔަ ނަމަވެސް އަދި މިއަދާއި ހަމައަށް އެވިދާޅުވާ އެއްކެންޑިޑޭޓެއްގެ ނަންވެސް ސޫރަވެސް ތިލަވެފައެއް ނުވެއެވެ. އެވެރިން އެކުރާ ކަމަށް ބުނާ މަޝްވަރާތަކުން ދޭތެރެ ދޭތެރެއިން ފެންނަނީ ނުވަތަ ތިލަވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ނިޝާން ތަކެވެ.

އެންމެ އާޖާއިބުވާ އެއް ކަމަކީ އިދިކޮޅުން އެއްކެންޑިޑޭޓަކު ނެރޭ ވާހަކަ ދައްކަމުންދާއިރު އިދިކޮޅުގައި ތިއްބެވި ހުރިހާ ލިޑަރުން މިހާރު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ވާހަކަ ދެއްކެވުމެވެ. އިދިކޮޅު ފަރާތްތަކުގެ ބަސް ގަބޫލުކުރާ ނުވަތަ އެމީހުންގެ އުސޫލު ތަކަށް ތާއީދުކުރާ ނޫންނަމަ އެވެރިންގެ ބަސް ގަބޫލުކުރާ ބޭރުގެ ބާރުގަދަ ފަރާތްތަކުންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާތަން ފެންނަނީ ރިޔާސީ އިންތިޚާބުން ނަޝީދަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާތަނެވެ. ނަޝީދުގެ ވެރިކަމުގައި ހިންގަވާފައިވާ ނޭއްގާނީ ޢަމަލު ފުޅެއްގެ ސަބަބުން ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކަށް، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނު ތަކުގައި އޮތް އެއްޗަކަށް ބެލުމެއް ނެތެވެ. ބަލާކަށް އަދި އެވާހަކަތައް އަޑުއަހާކަށްވެސް މިދެންނެވި ފަރާތްތަކަކުން ބޭނުމެއް ނުވެއެވެ.

އެހެންވީމާ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކާއިރަށް އިދިކޮޅު ލީޑަރުންނާއި އިދިކޮޅުގައި ތިއްބެވި "ވައިއަނގަތަޅާ" ފަރާތްތަކުން ވަރަށް ބާރުލާފައި ވިދާޅުވާ އިދިކޮޅުން މިފަހަރު ނެރޭ އެއްކެންޑިޑޭޓުގެ ވާހަކައަކީ ހަމަ އަރަތެކެވެ. ޖަވާބު ދިމާ ނުކުރެވޭ ވިޔައެކެވެ. ވަރަށް ވެސް ދެކޮޅު ނުޖެހޭ ވާހަކައެކެވެ.

އެބޭފުޅުން ރައްޔިތުންގެ ގާތުގައި ވިދާޅުވަނީ އެބުނާ އިދިކޮޅު ކޯލިޝަނުން މިފަހަރުގެ އިންތިޚާބަށް ނެރޭނީ އެންމެން އެއްބަސްވާ އެއްކެންޑިޑޭޓެއް ކަމަށެވެ. އެކަމުގެ މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް ދޭތެރެ ދޭތެރެއިން ވިދާޅުވަމުން، އިޢުލާން ކުރައްވަމުން ގެންދަވައެވެ. އެކަމަކު އެވާހަކަ އަޑު އިވެނީ ހަމައެކަނި މީޑިޔާތަކުންނާއި ޕޯޑިއަމްތަކުންނެވެ. ނަމަވެސް މިހާތަނަށް ފެނިފައި ވަނީ މުޅިން ތަފާތު މަންޒަރެކެވެ.

އިދިކޮޅު ފަރާތްތަކުން ނެރޭ ކަމަށް އެވިދާޅުވާ އެއް ކެންޑިޑޭޓަކީ އިދިކޮޅު އެމްޑީޕީން މިހާތަނަށް ދައްކާފައިވާ އެޕާޓީގެ ހަމައެކަނި ރިޔާސީ ކެންޑިޑޭޓް، ނުވަތަ ތިން އަހަރު ވެރިކަން ކުރައްވާފައި ވެރިކަން ދޫކޮށްލެއްވި ރައީސް ނަޝީދުކަން މިހާރު މިވަނީ ހަމަ ގާތްގަނޑަކަށް ޔަގީން ކުރެވިފައެވެ. އިދިކޮޅު އެންމެން ވެގެން އެޖަހާ ސިޔާސީ ސަކަރާތް ގަނޑުގައި ބައިވެރިވެގެން އީޔޫއާއި އަލިފުދާލުގެ އެކި ގުނަވަންތަކުން ނެރޭ ހުރިހާ ބަޔާންތަކާއި ގޮވާލާ ގޮވާލުންތަކާއި އެ ގުނަވަންތަކުގެ ފަރާތުން ވާހަކަ ދައްކާ ކަމަށް ބުނާ މަންދޫބުން ބުނާ އެއްވާހަކައަކީ ރައީސް ނަޝީދަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެ ވާހަކައެވެ. ނުވަތަ ނަޝީދަށް ވާދަ ކުރެއްވޭނެ ގޮތެއް ހަދައިދޭން ޖެހޭނެ ވާހަކައެވެ. އިދިކޮޅުން ލީޑްކުރަމުން ގެންދާ ޕާޓީން ވެސް ބުނަނީ އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން އޮންނާނެ ވާހަކައެވެ. އެމީހުންނަށް މިކަން ވަރަށް ބޮޑަށް ޔަގީންވެސް ވެއެވެ.

މިކަން މުޅިން ޔަގީންވާ ހިސާބަށް ދިޔައީ އެމްޑީޕީން ބާއްވާ ރިޔާސީ ޕްރިމަރީގައި ނަޝީދު ވާދަކުރައްވަން ނިންމެވި ހިސާބުންނެވެ. ނަޝީދު ވާދަކުރައްވާ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި އެހެން މީހަކަށް ކާމިޔާބުލިބި އެހެން މީހަކަށް އެފުރުސަތު ނުލިބޭނެ ކަމީ ޔަގީންވާ ކަމެކެވެ. އެނޫން ގޮތަކަށް އެކަންވެ ނިމިދާނެކަން އެއީ އެއްވެސް މީހަކު ޝައްކުވެސް އަދި ހީވެސް ކުރާނެ ކަމެއްނޫނެވެ.

މިހާހިސާބުން މިވާހަކަ ބާއްވާފައި އިދިކޮޅުގައި ދެންތިއްބެވި ލީޑަރުންނާއި ޕާޓީތަކާމެދު ފިކުރު ހިންގާލަމާ ހިންގަވާށެވެ. ރާއްޖޭގެ ވެރިކަމަށް ފޫގަޅައިގެން ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން އާ ޤާނޫނު އަސާސީ ވުޖޫދުވެ އޭގެ ދަށުން ބާއްވާފައިވާ ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމްގެ ނަން މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާސް ކޮޅަކު ނޯންނާނެކަން ޔަގީނެވެ. އެކެއް ފެބްރުއަރީގައި އެފަދަ ފުރުސަތަކަށް މަގުފަހިވާން ދިޔަ ނަމަވެސް އެކަން ވަނީ ބޮޑު ނާކާމިޔާބަކުން ނާކާމިޔާބުވެ ނިމި ގޮސްފައެވެ.

ދެން އޮތީ ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ފަރާތުން ނުކުމެވަޑައިގަންނަވާ ކެންޑިޑޭޓުގެ ވާހަކައެވެ. އިވޭ އަޑުތަކާއި ފެންނަމުންދާ މަންޒަރު ތަކަށް ބަލާއިރު ރައީސް މައުމޫން މިހާރުގެ ސަރުކާރުގެ ތެރެއިން ނުކުމެވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީވެސް ވެރިކަމުގެ ބާރުތައް ނުވަތަ ބޭނުންފުޅުވާ ބާރުތަކެއް ލިބިވަޑައި ނުގެންނެވުމުން އެހެން މަގަކުން އެކަން ކުރެއްވުމަށެވެ. އެކެއް ފެބްރުއަރީގެ "ބޮޑު އަމުރު" ނުވަތަ "ބަޣާވާތުގެ" ތަހުގީގުތަކުން މޭރުންވަނީ ކޮއްކޯފުޅު އަޒުލު ކޮށްގެން ވިޔަސް އަދި އެހެނިހެން ބާރުތަކެއްގެ ބޭނުން ކުރައްވައިގެން ގާނޫނާ ޚިލާފަށްވެސް މިހާރުގެ ވެރިކަން ވައްޓާލާފައި އެމަނިކުފާނު ބޭނުންފުޅު ބޭފުޅަކު ވެރިކަމުގެ ތަހުތުގައި ވެޑުވުމުގެ އަޒުމުގައި ރައީސް މައުމޫން މަސައްކަތްޕުޅު ކުރެއްވި ކަމެވެ. ނަމަވެސް އެމަނިކުފާނުގެ ރޭވުންތެރިކަމާއި ހިކުމަތު އަމަލުފުޅާއި އެއްގޮތަށް ކަންކަން ހިނގާ ދިއުމަށް ފިޠުރަތުން ތަން ނުދިނުމުންނާއެކު އަދި އެފަދަ ވަރުގަދަ ޕްލެޓްފޯމެއް އަދި ގާއިމު ކުރެވިފައި ނުވުމުންނާއި މާ އަވަހަށް "ބުޅާ ގޯނިން ބޭރުވުމުން" އެމަނިކުފާނަށް މިހާރު ޖެހިވަޑައިގެންފައިވާ ދަތުރަކީ "ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށިދަނޑުވެސް ގެއްލި ދިއުމުން" ޖެހިވަޑައިގަންނަވާ ފަދަ ދަތުރެވެ. އެހެންވީމާ އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް މައުމޫން ބޭނުންފުޅުވާ ނަމެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ކަންމިހެން އޮތްއިރު އިދިކޮޅުން ނުކުންނާނެ ކަމަށް އެބުނާ އެއްކެންޑިޑޭޓަކީ ރައީސް ނަޝީދުކަން މިހާހިސާބުން ހަމަ ޔަގީނާ ގާތްވީއެވެ. ނުވަތަ ހަމަ ކަށަވަރުވެ ޔަގީންވީއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ހަތަރު މަހެއްހާ ދުވަހަށް ވެފައިވާއިރު ވެސް އެމީހުން އަދި ހަމަ އެކިޔަނީ ހަމަނުޖެހޭ، މާނައެއް ނެތް ފަރިއްސެއްކަން ޔަގީންވަނީ މިހެންވެގެންނެވެ. މިފަހަރުގެ އިންތިޚާބަށް އިދިކޮޅުން ނެރެނީ އެއް ކެންޑިޑޭޓެކެވެ. އެއީ އެވެރިން އެބުނާ ގޮތަށް ދޭތެރެ ބައްދާ މީހެއްކަމުގައި ވިޔަސް، ވަގުތީ މީހަކަށްވިޔަސް އަދި އެމީހުން ބޭނުންވާ ގޮތަށް "ފުށްގަނޑު މޮޑެގެން" އިންތިޚާބަކާއި ހިސާބަށް ދާންދެން ހުންނަވާ ވެރިއަކަށް ވިޔަސް މައްސަލައެއް ނެތެވެ. އެބުނާ އެއްކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމާއިމެދު ޝައްކެއް ނެތް މިންވަރަށް މިހާރު މިވަނީ ޔަގީންވެފައެވެ. ދެން އެދައްކާ އެއްކެންޑިޑޭޓުގެ ވާހަކައަކީ އަޅެ ފަހެ އަރަތެކޭ ނުބުނެވޭނެ ހެއްޔެވެ؟

އެބުނާ އީޔޫއާއި އަލިފުދާލުގެ ގުނަވަންތަކުން ނަންކިޔާފައި އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ފެންނަ ހަމައެކަނި ބޭފުޅަކީ ނަޝީދެވެ. އެވެރީންނަށް އިދިކޮޅުން ޝަރުޠު ހަމަވާ ރިޔާސީ ކެންޑިޑޭޓަކަށް ހަމައެކަނި ފެންނަނީވެސް ނަޝީދު އެކަންޏެވެ. ދެން ތިބި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ކުރިމަތި ނުލެވިދާނެތީ މިދެންނެވި ޖަމާއަތްތަކުން ކަންބޮޑެއް ނުވެއެވެ. އެވާހަކައެއް ނުވެސް ދައްކައެވެ.

އީޔޫއާއި އަލިފުދާލުގެ ވަކި ގުނަވަން ތަކަކަށް ނުވަތަ ވަކި ބަޔަކަށް މިގޮތަށް ފެނުނަސް މި ސަރުކާރުގެ އިސް ބޭފުޅުންނަށާއި ވެރިކަން ކުރާ މައި ޕާޓީގެ އިސް ބޭބޭފުޅުންނަށް އެކަން އެގޮތަކަށް ފެނިވަޑައެއް ނުގަންނަވައެވެ. ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އެފަދަ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މި ސަރުކާރުގެ ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެފައިވަނީ އިނގިރޭސިންގެ ހިމާޔަތުގައި ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ދެކުމަކީ ބިލާހެއްފަދަ ހުވަފެނެއް ދެކުން ކަމަށެވެ. އަދި އެހުވަފެން ނުބެލުމަށް އަޒުލީން ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން ރާއްޖޭގެ ޤާނޫނު އަސާސީން ވާދަކުރުމަށް ފުރުސަތު ނުލިބޭ ކެންޑިޑޭޓަކަށް އެފުރުސަތު ނުވެސް ނެތްކަން އިދިކޮޅު ފަރާތްތަކަށް ނުވަތަ އެމްޑީޕީއަށް އެނގޭނެކަމުގައިވެސް މިނިސްޓަރ އަޒުލީން ވިދާޅުވެފައި ވެއެވެ.

މިކަމާއި ގުޅިގެން މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ މުހަންމަދު ޝައިނީ ވިދާޅުވަމުން ގެންދަވާ ވާހަކަ ތަކުރާރު ކުރައްވަމުން ވިދާޅުވެފައިވަނީ މިފަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން ނޯންނާނެކަމަށެވެ. މިނިސްޓަރ ޝައިނީވެސް ވިދާޅުވެފައި ވަނީ ނަޝީދުގެ ނަން މިފަހަރުގެ ވޯޓު ކަރުދާސް ކޮޅުގައި އޮންނަންޖެހޭނެ ގޮތެއް ނުވަތަ ހަމައެއް، ރާއްޖޭގެ ޤާނޫނު އަސާސީއާއި އޭގެ ދަށުން ހެދިފައިވާ ޤާނޫނު ތަކާއި ޤަވާޢިދުތަކުގައި ނެތް ކަމަށެވެ.

ވެރިކަންކުރާ މައި ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކުވެސް ވިދާޅުވެފައިވަނީ ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ރާއްޖޭގެ ގާނޫނުތައް ތަން ނުދޭ ކަމަށެވެ. ނިހާން ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަކުރެއްވޭނަމަ ރާއްޖޭގައި ޤާނޫނީ ހުކޫމަތެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކުރީގެ ރައީސް ނަޝީދަކީ އެމަނިކުފާނުގެ ވެރިކަމުގައި ފަނޑިޔާރަކު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް، އެކަހެރި ކޮށްގެން ގެންގުޅުއްވާފައިވާ މައްސަލައެއް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ނަޝީދު އެތައް ފަހަރެއްގެ މަތީން އިޢުތިރަފުވެ ވަޑައިގެންފައިވާ މިކަމަކީ އަލިފުދާލަށް ވެސް އީޔޫއަށްވެސް ނޭނގޭ ކަމެއްނޫނެވެ. އަދި ނަޝީދު މިހިންގެވި އަމަލަކީ ކުށެއް ނޫންކަމަކަށްވެސް އެއިން އެއްވެސް ފަރާތަކުން މިހާތަނަށް ބުނެފައެއް ނުވެއެވެ. ކަން މިހެން އޮތްއިރު އަދި ރާއްޖޭގެ ޤާނޫނުތައް ހުއްދަ ނުކުރާ ކަމެއް ކުރުމަށް އެފަދަ ޖަމާއަތްތަކަކުން ގޮވާލަމުން ދިއުމަކީ މިއަދު މުޅިން ތަފާތު ސުވާލުތަކެއް އުފައްދަންޖެހޭ ކަމެކެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި މި ޤާނޫނު އަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކުގެ މައްޗަށް ނުވަތަ އެޤާނޫނު ތަކުގެ ބޭރުން ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރުމަށް ނުވަތަ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެވޭނެ މީހުންނާއި ވާދަކުރާނެ މީހުންނާއި ވާދަކުރެވެން ޖެހޭނެ މީހުން ބޭރުގެ ޖަމާއަތްތަކަކުން ނުވަތަ ޤައުމު ތަކަކުން ކަނޑައަޅާ ހިސާބަށް ކަންކަން ދިއުމަކީ ވަރަށް ހައްސާސް މައްސަލައެކެވެ. އެއީ އަދި މުޅިން އެހެން މައްސަލައެއްތާއެވެ. މިއީ އަދި އެބުނާ އެއްކެންޑިޑޭޓަކު ނެރުމުގެ ވާހަކައަށްވުރެ ވެސް މާގިނަ ސުވާލު އުފެދޭ، މިކަމުގެ އަޑީގައި ފޮރުވިފައި ވާ މާގިނަ ކަންތައްތަކެއް ހިމެނޭ ކަމެކެވެ.

އެވާހަކަ މިހާހިސާބުން ހުއްޓާލާފައި އިދިކޮޅުން މިފަހަރުގެ ރިޔާސީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓަކާއި މެދު ފިކުރުކޮށް އެވާހަކަ ދައްކަމާ ހިންގަވާށެވެ. ކުރިން މި ދެކެވިދިޔަ ވާހަކަ ތަކަށް ބަލާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައިގެން ނަޝީދަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވައިގެން އަންނަ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެއްވޭނެތޯ ސުވާލު އުފައްދަވަމާ ހިންގަވާށެވެ. މިސުވާލު އެކި ގޮތްގޮތަށް ކޮށްގެންވެސް ލިބެނީ ހަމަ އެއްޖަވާބެކެވެ. ކޮންމެ ގޮތަކަށް ހިސާބު ޖެހިޔަސް ލިބޭ ޖަވާބަކީ ޑރ. ޝައިނީއާއި ނިހާނަށް ވެސް އެލިބިވަޑައިގަންނަވާ ޖަވާބެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅުގައި އެބުނާ އިދިކޮޅުން ނެރޭ އެއްކެންޑިޑޭޓަކީ ކުރީގެ ރައީސް ނުވަތަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ކަމަށްވާނަމަ އެބުނާ އިދިކޮޅުން ނެރޭ އެއްކެންޑިޑޭޓް، އަންނަ ރިޔާސީ އިންތިޚާބުން ފެނުމަށްވުރެ ގާތީ ނުފެނުމެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ތިޔަ ކުޅެނި އެހެން ގޭމެއް ލަންކާގަ ރަނިލް ކުޅުނު ކަހަލަ ގޭމެއް.. ރަނިލް ދައްކައިގެން އޭނާއަށް ހުރިހާއެއްޗެއް ގޮވީ ސަރުކާރުން ހުރިހާ ޕޯޑިއަމެއްގަ ވެސް އޭނާ ވާހަކަ ދައްކާ ބަހުގެ ހަމަލާ ދިނީ..ކުއްލިޔަކަށް ފަހުވަގުތު ސިރިސޭނާ ފާޅުވީ ސަރުކާރަކަށް އޭނާގެ އިމޭޖު ހަޑިކުރަން މާގިނަ އެއްޗެއް ނުކިޔުނު.. އިދިކޮޅު އެންމެން ނަށް އެނގޭ ނަޝީދަށް ނުލެވޭނެކަން އެކަމަކުވެސް ނަޝީދު ނަޝީދު ކިޔާފަ ސަރުކާރުގެ އަމާޒަކަށް އޭނާ ހަދައި ސަރުކާރު ގުއި ރޯނުގަ ޖައްސަން ކުރާ މަސައްކަތަށް ސަމާލުވާން އެބަޖެހޭ.. ނަޝީދު މަތިން ހަނދާން ނައްތާލާފަ އެއްފަރާތެއްގަ ބަހައްޓާ އިހަށް

  2. ދުނިޔޭގެ އެއްވެސް ތަނެއްގައި ކުށްވެރިވެ ޖަލުޙުކުމް ތަންފީޒުކުރާ މީހުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭކަމެއް އެނގިފައެއް ނެތެވެ. ވެރިކަން ބަދަލުކުރެވުނަސް ކުރެވޭނީ ރަނގަޅު ޤާބިލް މީހުން ކުރިމަތިލައި ވާދަކުރީމާތާއެވެ. މޮޔައިން އަތަށް ކަނޑި ނުދެވޭނެކަމަށް ބުނި ކިތައްމެ މީހަކު މިހާރު އަންނި ވެރިކަމަށް ގެންނަން ފައިވިދެފައި ހުރުމުން ޙައިރާންވެ އަންތަރީސްވެއެވެ.

  3. އިދިކޮޅު ކެނޑިޑޭޓެއް ނުނެރެވޭނެ ބަަލަން ތިބޭ

  4. ތީ މާކުރިންވެސް އެނގިފައޮތް ކަމެއް ރޫހާނީލީޑަރ އަންނި ނޫންމީހަކު ނުނެރެވޭނެކަން ހެހެހެހެ

  5. ޑިމޮކްރަޓިސްޓް

    ކެނެރީގޭ ނަޝީދަކީ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއް!!! ގަދަބާރުން ކަންކަން ކުރަންނޫޅޭ ކަލޭ!!! ކަލޭތީ ގާނޫނުގެ މަތީގަހުރެވެނޭނެ މީހެއްނޫން!!! ކޮން ގައްޑާކަމެއް ދައްކާކަށް!!!

  6. ހަސަތޭކަ އަކަފޫޓް ހަމަ ނުވާ ބިން ކޮޅު ދޫކޮށްލަން ނުޖެހޭނެ އުސޫލުން އެވިސްނުން ވެސް މިއުފަން ކުރުވީ އެެއީ މަމެން ޕިންކީންގެ ވެރިކަމުގައި އެކަނި. މަމެން ޕިންކީން ނަކީ އެއީ ބިއުޓިފުލް މައިންޑުންނޭ މަމެން ބުނަނީ މިހެން ވެގެން ނޭ އައި އޭމް ވޮންޑަރިންގް ކޭން ޔޫ ބީ ލައިކް އަސް ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ އާއާއާއާ އާއާއާއާ އާއާއާއާ...

  7. އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލާބަލަ.

  8. ދޮންކަލޯ މިހާރު ވެރިކަމުގަ ހުރި މީހާ ހަމަ އެއްވެސް ކަމެއްނުކުރާ އަލިފެއްދޯ.

  9. މީނައާ މީނަގެ ލާދީނީ އައުވާނުންނަށް އެމެރިކާއިން ތަންކޮޅެއް ދޭންވީނުން ވެރިކަން ކުރަން!

  10. މޮޅު ގޮތެއް ބުނަންތަ

    ދަނޑިވަޅު ބަލާފަ މައުމޫނު ދޫކޮށްލަންެ ފެންނަނީ..

  11. އިދިކޮޅުންނެރޭނެ ކެޑިޑޭޓަކުނެތުމުން ރައީސް ޔާމިން ހޮވިވަޑައިގެންނެވުން އެއީ ދިވެހިރާއްޖެއައްލިބޭ ނުހަނު އުފާވާނެދުވަހެއް ކަމުގައިވާނެ އިންޝާﷲ އަދި ބަޖެޓުން ބޮޑުހަރަދެއްސަލާމައްވީ ހޯހޯހޯ

  12. ނޝދގެރައް އިންޑިއާ2018 ވަނަ އަހަރު ފުރަތަމަ ކުއާޓަރގައި އިންޑިޔާގައި ދުވާލެއްގެ މައްޗަށް 5 މީހުން ރޭޕްކޮށްފައިވޭ

  13. ތަންކޮޅެއް ކުރުކޮށް ލިޔުނު ނަމަ ގިނަ މީހުން ކީސް

  14. މަހަށްދޭބަލަ

    ޓްރެކް ސަރަހައްދު ވޮޑުނީ އެއީ ބްރިޖްގެ ތަނބު ތައް ޖަހައިގެން ކަަމަށް ވާނަމަ މަމެން ނަށް މާ ބޮޑަށް ރަނގަޅަވެ. ދެން ހަދަންވީ ގޮތަކީ މާލޭގެ ދެކުނު ފަރާތުން 1 ކިލޯ މީޓަރު ދުރުގައި އަނެއްކާ ޓްރިޕޮޑްސް ތައް ޖަހަންވީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 10 މީޓަރު އުސްމިނަށް. އެއިރަށް މިހާރު ހާބަރ ބޭސިން އެއް ގޮތަށް އޮތް ތަން އެއްކޮށް ހިއްކާލާ އަލަށް މި ދެންނެވުނު 1 ކިލޯމީޓަރު ޑީޕް ބްލޫ ސީ ގައި އޮޑި ދޯނި ފަހަރު އަޅާ ގޮތަށް ހަދާނީއޭ އެއިރުން މާ ބޮޑަށް ރަނގަޅުވާނެއޭ. މިރާއްޖޭގައި ތިމާވެށީގެ މީހުން ދައްކާ ވާހަކަ ތަކަކީ އެއީ އަލިފު ލައިލާ ވާހަކަ ތަކޭ އެމެން އެއީ އެއްގޮތަކަށް ވެސް އެންވަޔަރުމެންޓަލް އެޕްލިކޭޝަންސް އިންޖިނިއަރިންގް ދަންނަ ބަޔެއް ނޫނޭ އެއީ މުޅިން ވެސް ޚުތުބާ ލިޔާ މީހުންނޭ. މަމެން ޕިންކީންގެ ވެރިކަމުގައި ކަންކަން ކުރާ ގޮތުން ޓްރެކް ސަރަހައްދު ވޮޑުން އެއީ މާލެ ހިއްކަން ލިބޭ ނިއުމަތޭ އިނގޭތޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ...

  15. އަސަރެއްކުރޭތާ... ހަމަހިލާ ޔާމީނެއް ނުހޮވޭނެ

  16. ތިޔަ ނަޝީދަކީ ދިވެހި ރާއްޖޭގެ ވެރިކަމަށް ކުފޫހަމަވާ މީހެއްނޫން. އަހަރަމެން މޮޔާވެގެން އުޅޭކަށް ނުޖެހޭ. ދިވެހިރާއްޖޭގާ އޮތް 30 އަހަރުވީ ވަރުގަދަ ވެރިކަން ނިމުމަކަށް ގެނެސް އަހަރަމެން އޭނަޔާއި ވެރިކަން ހަވާލުކުރީން. އެހެންނަމަވެސް އޭނަޔަކަށް ދިވެހީންގެ ވެރިކަން ކުރާކަށް ނެއެނގުނު. އޭނަ އެމަގާމުގާހުރެގެން ގަންނާންފެށީ އެހެންގަނޑެއް. ކުޑަ ދުވަސްކޮޅެއްގެ ތެރޭ ވެރިކަން ދަމަހަށްޓަން ނެއެނގިގެން ވެރިކަމުން ފައިބައިފި. އެވަރުގެ ގަޅިމީހަކު ވެރިކަމަށް އެރުވުމުގެ ބަދަލުގާ އެހެން މީހަކު އެ މަގާމަށް ހޯދުން މާރަނގަޅު.

  17. ކްންގްރާ ރަޢީސް ނަޝީދު!! 🙂

  18. އަބްދުއްލާ

    އެމްޑީޕީން ބާއްވަން އުޅޭ ޕްރައިމަރީ ގައި ނަސީދު ބައިވެރިކުރުވައިފިނަމަ ޕާޓީތަކާއި ބެހޭ ގާނޫނުގެ 30 ވަނަ މާއްދާގަ ޕާޓީތައް އުވާލުމާބެހޭ ބައިގަ ބުނާ ބައި ސަރީއަތަށް ސާބިތު ވާނެ .މިފަހަރު ރިޔާސީ ޕްރައިމަރީގަ ނަސީދު ވާދަ ކުރުވައިފިނަމަ ގާނޫނާ ހިލާފު ކަންކަން ކުރުމަށް ދަވްލަތަށް މަޖްބޫރު ކުރުމަށް މަސައްކަތް ކުރުމާ . ގައުމުގެ ސަލާމަތާ އިސްތިގުލާލު ނަގާލަން މަސައްކަތް ކުރުން ސާބިތުވާނެ 30 ވަނަމ މާއްދާގެ 1،2،3،4،5 މި 5 މާއްދާގެދަށުން ޕާޓީ އުވާލެވެންވާނެ.

  19. ނަށީދު ރިޔާސީ ކެންޑިޑޭޓަަކަށްވާން ގާނޫނީ ހައިސިއްޔަތު ލިބޭނީ ކިހިނެއްބާ؟

  20. "އަޅެ ވިދާޅުވެދެއްވަބައްލަވާ ކީޢްތޯ ކުރައްވަން ތިއުޅުއްވަނީ؟ ކާކު ކޮންއިރަކުތޯ ބުނީ ތިއެޅޭނޭ، ބުރިޖެއް އަޅުއްވައިގެން ކީއްތޯ ކުރައްވަން ތިއުޅުއްވަނީ؟ ކޮބައިތޯ ތިކަމުގެ އިންޖިނޭރުން، ކޮބައިތޯ ރުފިޔާ ފައިސާ، ދެން ދެން ދެދެ ދެން ރައްޔިތުން ގުނބޯ ހެއްދެވިއަސް ތިދެން ބޮޑުވަރު ދެއްތޯ؟"

  21. ޤާޟީ އަކު ވަގަށް ނުނަގާ ކަމަށް ވެއްޖެތޯ؟ އެހެންވެއްޖެނަމަ ނެރެންވީ ނެރެންވީ...
    ނޫނީ...
    ޓޯރޓޮލާ ކަހަލަ ރައްތަކެއްވާނެ ރާއްޖޭގެ ދެކުނުގައި، "އެކަމަކު ހަތިޔާރު ބޭނުންވާނެ، ހަތިޔާރު ނެތެއްނު؟، "

  22. އަޅޭފަހެ ކަލޭމެންގެ ބޯ ކޮބާ!؟
    އިދިކޮޅުންވެސް އެބުނާ އެއް ކެނޑިޑެޓަކީ ރައީސް ޔާމީނޭ.
    އިދިކޮޅުން އެބުނާ ކެނެރީގޭ މީހާގެ ނަން ވޯޓުކަރުދާސްކޮޅުގައި ނެތީމާ ދެން ހުއްންވާނީ އެއްކެންޑިޑޭޓު ރައީސް ޔާމީން ނޫންތޯ؟
    .އަމިއްލަގޮތުން އެހެން މީހަކު ވާދަ ނުކުރާހާ ހިނދަކު؟

  23. މި ލާދީނީ، ހުޅަނގާ އިންޑިޔާގެއޭޖެންޓް ނޫން މީހަކު ތި ޕާޓީ ތަކުން ހަމަ ނުވީތަ؟ މިކަލޭގެ ނަން އޮތަސް މުސްލިމުންނަށް ހުތުރު.