ވެރިކަން ވައްޓާލަން އުޅުނު މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މުހައްމަދު ނަދީމްގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައި ވުމުން މިއަދުގެ ޝަރީޢަތް ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.

މިއަދުގެ ޝަރީޢަތް ފެށުމާއި އެކު ނަދީމްގެ ދިފާޢީ ވަކީލް ވަނީ ގާޒީ ބައްދަލުވިކަން ނާންގާ ކަމަށް ބުނެ ޝަރީޢަތް ކުރިއަށް ގެންދަން އިއުތިރާޒު ކޮށްފައެވެ.

މިހާރު މައްސަލަ ބައްލަވާ ގާޒީ ވަނީ ގާޒީ ބަދަލުވިކަން ނަދީމަށް އަންގާނެ ކަމަށެވެ. އެހައި ހިސާބުން މިއަދުގެ ޝަރީޢަތް ވަނީ މެދުކަނޑާލާފައެވެ.

ނަދީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ.

ނަދީމްގެ މައްޗަށް ކުރާ ދައުވާގެ ޝާރީޢަތް ފެށީ މިމަހުގެ 02 ވަނަ ދުވަހު އެވެ. އެދުވަހު ވަނީ ޤާނޫނީ ވަކީލަކު އައްޔަން ކުރަން އޭނާ އަށް ފުރުސަތު ދީފައެވެ.

ނަދީމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ ވެރިކަން ވައްޓާލަން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަންގަވާ އެންގެވުންތަކަށް ނަދީމް އަމަލު ކުރެއްވި ކަމަށް ދައުވާގައިވެ އެވެ.

މީގެ އިތުރުން، ގާނޫނުއަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ނަދީމް އަމަލު ކޮށްފައިވާ ކަމަށް ދައުވާގައި ވެ އެވެ.