ކޮވިޑް-19 ގެ ނުރައްކަލަށް ފަހު ރާއްޖެ ރައްޔާރުވަމުން މި އަންނަނީ އާ އާންމު ހާލަތަކަށް ދިއުމަށެވެ. މި ދަތުރުގެ ބޮޑު މަރުޙަލާއެއް އިއްޔެ ފެށިގެން ދިޔައިރު، ދެމަހެއްހާ ދުވަހުގެ ހަރުކަށި ފުރަބަންދަކަށްފަހު މާލެ ސަރަޙައްދުގައި އާންމުންނަށް ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ވަނީ ހުޅުވަލާފައެވެ.

މި ބަލި މީގެ ކުރިން ފެތުރެމުންދިޔަ މިންވަރާއި އަޅާ ބަލާއިރު، ބަލީގެ ނުރައްކާ ރާއްޖެއަށް ވަނީ ކުޑަވެފައެވެ. މިގޮތުން ކޮންމެ ދުވަހަކު އަލަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ. އެހެނަސް ކުރިޔަށް އޮތްތަނުގައި ފަރުވާތެރި ނުވެވިއްޖެ ނަމަ އަނެއްކާވެސް ކުރިން އޮތް ހާލަތަށް ރާއްޖެ ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 515 މީހުންނެވެ. މިއީ ފާއިތުވެދިޔަ 45 ވަރަކަށް ދުވަހަށް ބަލާއިރު މި ރަނގަޅުނުވާ މީހުންގެ އަދަދު މިހައި ދަށްވި ފުރަތަމަ ފަހަރެވެ. މީގެތެރެއިން 9 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެ، ބަލި ފެތުރޭ މިންވަރު އިތުރުވެގެން ދިޔައީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. އެގޮތުން މޭއި މަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއިން 1300 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާކަން ތަފާސްހިސާބުތަކުން އެނގެއެވެ.

އިއްޔެ އެކަނިވެސް އިތުރު 30 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން ޖުމްލަ 2065 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 1540 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އިއްޔެ ރާއްޖެ އިން 229 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 52.64 އިންސައްތަ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އެޤައުމުގެ 1087 މީހަކަށް ރާއްޖެއިން މި ބަލި ޖެހިފައި ވާއިރު، ފައްސިވީ ދިވެހިންގެ އަދަދު އުޅެނީ 726 ގައެވެ.

ރާއްޖެއިން ޖުމްލަ 1747 ފިރިހެނަކާއި 318 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 356 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 453 މީހަކު ތިބި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 100 ދުވަސް ވެފައެވެ.