ޖިންސީ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ އެވްރެޖް އުމުރަކީ 35 ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައި ޖީންސީ ކުށްތަކުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދުގައި އޮތް އިރު ޕީޖީ އޮފީހުން ކޯޓަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ މައްސަލަތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މުއްދަތުގައި ޖިންސީ ކުށުގެ ގޮތުގައި ބަލާފައި ވަނީ ޖިނާއީ ކުށެއް ކުރަން ކުޑަކުއްޖަކު ބޭނުން ކުރުމުގެ ކުށާއި، ޖިންސީ އަމަލެއް ހިންގަން އެދުމާއި، ޖިންސީ އަމަލެއް ހިންގަން ގެއަކަށް ވަނުމާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާ ކުރަން އުޅުމެވެ.

އެކަމުގެ އިތުރު ތަފްސީލް ހިއްސާކުރައްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލަތައް ބަލަން ފުލުހުން އެވްރެޖްކޮށް ހޭދަކޮށްފައި ވަނީ 88 ދުވަސް ކަމަށެވެ.

" 88 ދުވަސް އެވްރެޖް ދަށްވެފައި އެ ހުރީ ލަސްވި މައްސަލަތަކާއި ހުރެ. އެކަމަކު އާއްމުކޮށް 40-46 ދުވަސް ނަގާފައި ހުރީ. ލަސް މައްސަލަ ތަކާއި އަވަސް މައްސަލަތައް އެބަ ހުރި. " ޝަމީމް ވިދާޅުވިއެވެ.

ބައެއް އާއްުން 88 ދުވަސް ތަހުގީގަށް ހެދަވީ ކީއްވެތޯ ސުވާލު އުފެއްދުމުން ޝަމީމް ވިދާޅުވީ 88 ދުވަސް ފުރަބަންދުގައި މައްސަލައެއް ބަލަން ހޭދަވުމުން ލަސް ނޫން ކަމަށާއި، އެ މަރުހަލާ އެއަށް ވުރެ އަވަސް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށެވެ.

އަދި ތަހުގީގު މަރުހަލާގައި ވެސް ފުލުހުންނާއި އެކު ޕީޖީއިން މަސައްކަތް ކުރާ ކަމަށާ، ފުލުހުން މީޖީއަށް މައްސަލަ ފޮނުވާތާ 2.63 ދުވަހުގެ ތެރޭގައި މައްސަލަތަކުގައި ދައުވާކޮށްދިނުމަށް އެދި ކޯޓަށް ފޮނުވާކަމަށް ޕީޖީ ވިދާޅުވިއެވެ.