ފުލުހުންގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓް ދަރަޖައަށް ބަދަލުކޮށް، ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގުގެ ނަމުގައި ބަހާއެއް އުފައްދައި، ފުލުހުންގެ މުއައްސަސާގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނެސްފިއެވެ.

ފުލުހުންގެ މުއައްސަސާގެ އިދާރާ ހިންގުމުގެ އޮނިގަނޑަށް މި ބަދަލުތައް ގެނެސްފައިވަނީ ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމުގެ އޯޑަރަށް ތިން ވަނަ އިސްލާހު ގެނެސް އެބަދަލުތައް ފާސްކުރުމާއި ގުޅިގެންނެވެ.

އެގޮތުން ގެނައި މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ކުރިން ސްޕެލިސްޓް ސަޕޯޓް ޑައިރެކްޓްރޭޓްގެ ދަށުން އޮތް ފޮރެންސިކް ސަރވިސަސް އެ ޑައިރެކްޓްރޭޓް ދަށުން އުނިކޮށް، ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގެ ދަރަޖައިގައި އުފައްދައި، ފޮރެންސިކް ސަރވިސަސް ގެ މަސައްކަތްތައް ތަރުތީބުކޮށް، ޑިޕާޓްމަންޓްތަކާއި ޔުނިޓްތައް ތަރުތީބުކުރުމެވެ.

އަދި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ނަމުގައި ވިންގުގެ ދަރަޖައިގައި ބަހާއެއް އުފައްދައި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމުގައި ކުރަމުން އައި މަސައްކަތްތައް ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގުގެ ދަށަށް ބަދަލުކޮށް، މަސައްކަތްތައް ތަރުތީބުކޮށް، އިތުރު ޑިޕާޓްމަންޓްތަކާއި ޔުނިޓްތައް ވަނީ އުފައްދާފައެވެ. އެގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓްތަކަކީ ފެމިލީ އެންޑް ޗައިލްޑް ޕްްރޮޓެކްޝަން، ކްރައިމްސް އެގެއިންސްޓް ޗިލްޑްރަންސް ޑިޕާޓްމަންޓް ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓްގެ އިތުރުން ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގަކީ ކުޑަކުދިންނާމެދު ބޮޑެތި މީހުން ހިންގާ ކުށުގެ މައްސަލަތައް ބަލައި ތަހުޤީޤުކުރުމާއި ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ތަހުޤީޤު ކުރުމާއި ޑޮމެސްޓިކް ވަޔަލެންސް އާއި ޖެންޑަރ ބޭސްޑް ވަޔަލެންސްގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އާއި އިހުމާލުގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމާއި ޝަރީއަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާއި މިފަދަ މައްސަލަތައް ބަލައި ތަހުޤީޤުކުރާ ޑިޕާޓްމަންޓްތައް ވިލަރެސްކުރުމާއި އެޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއެކު ޕްރޮޖެކްޓާއި ޕްރޮގްރާމްތައް ހިންގުމާއި މޮނިޓަރކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމުގެ ގޮތުން އުފައްދާފައިވާ ވިންގެކެވެ.

މި ވިންގުގެ ދަށުން އުފައްދާފައވާ ޑިޕާޓްމަންޓްތަކުގެ ތެރެއިން ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަކީ ކުޑަކުދިންނާމެދު ހިންގޭ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި ގެއްލިގެން ހުށަހެޅޭ ކުޑަކުދިިންގެ މައްސަލަތަކާއި ޗައިލްޑް އެކްސްޕޮލައިޓޭޝަނާއި ކުޑަކުދިންނަށް ބިރުދެއްކުމުގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމުގެ އިތުރުން ކުޑަކުދިިންގެ ހައްގުތަކުގައި މަސައްކަތްކުރާ ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހޫށަހެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމެވެ.

ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓަކީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަހުޤީޤު ކުރުމާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެކުދިންނަށް ކައުންސިލިންގ ހޯދައި ދިނުމާއި ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަންއަށް ކުދިން ފޮނުވުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ޔުނިޓާ ގުޅިގެން މަސައްކަތްކުރުމާއި އެފަދަ ކުދިންގެ ހާލަތު އެމުއައްސަސާތަކާ ގުޅިގެން ބަލައި މޮނީޓަރ ކުރުމާއި އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކުގައި އިރުޝާދު ދިނުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.

ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓަކީ ގެވެށި އަނިޔާގެ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އަދި އިހުމާލުގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމާއި މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާއި ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.

އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ އެހެން ބަދަލުތަކަށް ބަލާއިރު، ކްރއިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށަށް އިންވެސްޓިގޭޝަން ޑެވެލޮޕްމަންޓް ޔުނިޓެއް އުފެއްދުމާއި ވިކްޓިމް ސަޕޯޓްގެ ނަމުގައި އޮތް ބަހާ “ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓް” ގެ ނަމުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. ވިކްޓިިމް ސަޕޯޓް ޑިޕާޓްމަންޓަކީ ކުށުގެ ޝިކާރައަކަށް ވެފައިވާ ނުވަތަ ކުށުގެ ސަބަބުން އަނިޔާއެއް ނުވަތަ ނުތަނަވަސްކަމެއް ލިބިފައިވާ ފަރާތްތަކަށް އެހީތެރިވުމާއި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ހިދުމަތްތައް ސިއްރު ހިފެހެއްޓުމާއެކު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޑިޕާޓްމަންޓެކެވެ. އަދި ކުށެއްގެ ޝިކާރައަކަށް ނުވިނަމަވެސް އެއްވެސް މައްސަލައަކާ ގުޅިގެން އެމައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކަށް ނަފްސާނީ އެހީތެރިކަން ބޭނުންވާ ހާލަތެއްގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ބަދަލުގެ އިތުރުން ދެން ހިމެނެނީ ހިއުމަން ޓްރެފިކިންގ ނަމުގައި އޮތް ބަހާ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްގެ ނަމުގައި ސީރިއަސް އޯގަނައިޒް ކްރައިމްވެސް ވިންގުގެ ދަށަށް ބަދަލުކޮށްފައެވެ. މީގެއިތުރުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ސީރިއަސް އޯގަނައިޒްޑް ކްރައިމްވެސް ވިންގުގެ ދަށަށް ބަދަލުކޮށް، ވިކްޓިމް ސެންޓަރޑް އެންޑް ވޮލިއުމް ކްރައިމްސް ވިންގު ވަނީ އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ތިބުނާ ވިންގުގެ ވެރިޔަކީ ހޯރަ އިއްބެ ތޯއެވެ.

  2. އެމަންޖެ

    ތިޔަ ވިންގައްކިޔާ ކެނެރީގޭ ނަދީދިގެ ދެފައި.

  3. ސަމި

    ތިޔަ ވިންގް ނަހަދައިގެން ހުރިހާ މައްސަލަ އެއް މީގެ ކުރިން ދިމާ ވީ.
    ތިޔައީ ވާތު ވިންގް ތޯ މާދަން ރަނގަޅު ވާނެ ކަނާތު ވިންގް ވެސް ހަދަން