ކޮވިޑަށް ކާމިޔާބު ފަރުވާއެއްގެ ގޮތުގައި ހޯދުނު ބޭހަކީ ރާއްޖޭގައިވެސް ހުންނަ ބޭހެއް ކަމަށް ދިވެހި ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

އެންޓި އިންފްލެމޭޓަރީ ބޭހެއް ކަމަށްވާ ޑެކްސަމެތަސޯން އަކީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއްކަން އެ ބޭހުގެ ދަށް ޑޯޒެއް ބޭނުންކޮށްގެން ކުރި ދިރާސާތަކުން ޔަގީންކަން ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން މިއަދު ވަނީ ވިދާޅުވެފައެވެ.

ދިރާސާ ކުރި ސައިންސްވެރިން ލަފާކުރާ ގޮތުގައި އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރެން ފެށި އިރު މި ބޭސް ބޭނުންކުރި ނަމަ 5000 މީހެއްގެ ފުރާނަ ސަލާމަތްކުރެވުނީހެވެ. އެ ގައުމުން ވަނީ މި ބަލީހައި 41000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

މިއީ އަގު ހެޔޮ އަދި ފަސޭހައިން ލިބޭ ބޭހަކަށް ވުމުން މިއީ ކޮވިޑް-19ގެ ނުރައްކާ ބޮޑު ފަގީރު ގައުމުތަކަށް ވަރަށް މުހިންމު ބޭހަކަށް ވާނެކަން ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.

މިއީ ސިއްހީ އެކި މައްސަލަތަކުގައި، އިންފްލެމޭޝަން ކުޑަކުރުމަށް ދީ އުޅޭ ވަރަށް އާންމު ބޭހެކެވެ. ކޮރޯނާވައިރަސްއާ ދެކޮޅަށް ހަށިގަނޑު މާބޮޑަށް މަސައްކަތްކުރަން ފެށުުމުން ނުވަތަ ދިފާއީ ނިޒާމު އޯވަރިއެކްޓް ކުރުމުން ލިބޭ ގެއްލުންތައް މި ބޭހުން ކުޑަކޮށްދޭ ކަމަށް ވަނީ ބެލެވިފަ އެވެ.

މިއަދު އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން އާއްމުކުރި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދޭންޖެހޭ ހާލަތުގައި މަރުވާ ކޮންމެ 8 މީހެއްގެ ތެރެއިން އެކެއްގެ ފުރާނަ މިބޭހުން ސަލާމަތްކޮށްދެއެވެ. އަދި އޮކްސިޖަން ދޭންޖެހޭ މީހުންގެ ތެރެއިން މަރުވާ ކޮންމެ 25 އިން އެކެއްގެ ފުރާނަ ސަލާމަތް ކޮށްދެއެވެ.

ރާއްޖޭގެ ކުޑަކުދިންގެ ޑޮކްޓަރ އަހްމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ، ޑެކްސަމެތަޒޯނަކީ ކޮވިޑަށް ކަށަވަރު ބޭހެއް ނޫން ކަމަށެވެ. ނަމަވެސް ވެންޓިލޭޓަރަށް ލާން ޖެހޭ މީހުންގެ ތެރެއިން މި ބޭސް ދިން މީހުންގެ 1/3 ފުރާނަ ސަލާމަތްވި ކަމަށާއި އޮކްސިޖަން ގުޅިމީހުންގެ 1/5 މީހުންގެ ފުރާނަ ސަލާމަތްވި ކަމަށް ދިރާސާ އާއި ހަވާލާދެއްވާ ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި އޮކްސިޖަން ދޭން ނުޖެހޭ މީހުންނަށް މި ބޭސް ދިނަސް އެއްވެސް ތަފާތެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ ޑެކްސަމެތަޒޯނަކީ ސްޓެރޮއިޑެއް ކަމަށާއި އެއީ ވައިރަސް ނައްތާލާ ބޭހެއް ނޫން ކަމަށެވެ. އަދި އެ ބޭސް ރާއްޖޭގައިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައިވެސް ހުންނަ ބޭހެއް. ސުޓެރޮއިޑެއް، ވައިރަސް ނައްތާލާ ބޭހެއް ނޫން. ވައިރަސްއާ ދެކޮޅަށް ދިފާއީ ނިޒާމުގެ މަސައްކަތް ބޮޑުވެ، ހުދު ތިމާގެ ހަށިގަޑަށް ގެއްލުންވާވަރަށް މި ނިޒާމުގެ މަސައްކަތް ދިޔަނުދީ މައިތިރި ކުރާ ބޭހެއް މިއީ." ޑރ. ފައިސަލް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ކަށަވަރު ފަރުވާއެއް ލިބިފައި ނުވާތީ މީގެ ކުރިން އެހެން ބަލިތަކަށް ބޭނުން ކުރަމުން އައި ބޭސްތައް ކޮވިޑް-19 ޖެހޭ މީހުންނަށް ދީގެން ނިކުންނަ ނަތީޖާ ދެނެގަތުމަށް ގިނަ ގައުމުތަކުގައި ތަފާތު ދިރާސާތައް ކުރަމުން އެބަދެއެވެ. މިފަދަ ދިރާސާތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް އަދި މިހާތަނަށް ލިބުނު ބޭހަކީ ޑެކްސަމެތަސޯން އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަބުރޫކު މުރާކި

    މިތާ ތިބޭނީ ހުސް ރޯނުއެދު ރުން

    18
    2
  2. ނޫސް

    އިނގިރޭސިވިލާތުގެ ސައިންޓިސްޓުންނަށް ވުރެ ފައިސަލް މޮޅު. މަގޭ ދަރިފުޅު ދެވަންވީ ފައިސަލްއާނު

    9
    1
  3. ޖިންނިސޮރު

    ގުއިރޯނު އެދުރުން .

    10
    3
  4. އައްމަޑޭސަމީރު

    މީ މާކުރިންވެސް ރާއްޖޭގެ ޑޮކުޓަރުން
    ކޮވިޑު 19ށް ފަރުވާދޭން ރާއްޖޭގައި
    އުފައްދައިގެންއުޅޭ ބޭހެއްތަ ؟ ކޮސްވާވަރުވޭ

    3
    2
  5. މުބާރިކު

    މިހާދުވަހު މިބޭހުން ފަރުވާ ނުދީތިބީ ކީއްވެ ރާއްޖޭގައި ހުރި އިރު؟ މީ އަނެއްކާ ރާއްޖޭގައި އުފެއްދި ބޭހެއްތަ؟

    3
    1