ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ލެބެއް ގާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ ކުރިއަށް އޮތް އާ އާންމު ހާލަތަށް ތައްޔާރުވުމަށް އައިލެންޑް އޭވިއޭޝަނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މާފަރު އެއާޕޯޓު ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ސޮނޭވާ ގްރޫޕުގެ ފަރާތުން މާފަރު އެއާޕޯޓުގައި ޕީސީއާރު ޓެސްޓު ހަދާ ލެބެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ މާފަރު އެއާޕޯޓަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހެދުމަށް ހަމަޖެހިފައިވާ ލެބެއް ކަމަށާއި މި މަސައްކަތް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ނިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހުންނަ ތަނެކެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ގޮތަށް ހަތަރު ތަނެއްގައި ވަނީ ވަސީލަތްތައް ގާއިމުކޮށްފައެވެ. އެއީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ފުލުހުންގެ ލެބްގެ އިތުރުން އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލްގައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޓެސްޓް ކުރީ އެންމެ ކައިރިން އިންޑިއާގެ ޕޫނޭ އަށް ފޮނުވައިގެންނެވެ. އޭރުގައި ސުންކު (ސާމްޕަލް) ޕޫނޭއާ ހަމައަށް ދިއުމަށް ވެސް ދެ ދުވަސް ނެގިއެވެ. އެކަމަކު މިދިޔަ ފެބުރުއަރީ މަހު ރާއްޖޭގައި ޓެސްޓް ކުރެވޭނެ ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ.

ރިޒްވީ ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ލެބެއް ހަދަނީ ސޮނޭވާ ގްރޫޕްގެ ހަރަދުގައެވެ. ލެބަށް ބޭނުންވާ ޓެސްޓް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ވެސް ހޯދުމަށް ހަމަޖެހިފައި ވަނީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ ލެބް ގާއިމު ކުރުމާ އެކީގައި، އެއާޕޯޓަށް އަންނަ ކޮންމެ ފަތުރުވެރިއެއް ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރާނެއެވެ. އެކަމުގެ ސަބަބުން އެމީހުންނަށް އިތުބާރު ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ރިޒްވީ ވިދާޅުވިއެވެ.

މާފަރު އެއާޕޯޓަކީ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާއެކު ހެދި އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަބޭ

    ހަމައެކަނި ލެބްހެދީމަނިމުނީތޯ އިންޓަނޭސަނަލް ޕަސެންޖަރ ފްލައިޓް ޖެއްސުމައް އެއާޕޯޓްތަކުގަ މިހާރު ހުންނަންޖެހޭ ސަލާމަތީ ކަންކަން ތިޔައެއާޕޯޓްގައި ފުރިހަމަވޭތޯ މިހާރުގެ މިންގަޑުތަކައް ނުފެތޭގޮތައް ނުފޫޒުގެތެރެއިން ތިޔަކަންކޮއްގެން ރާއްޖެއައްލިބޭ ގެއްލުން ބޮޑުވާނެ