ޒިކާ އަދި ޑެންގޫ ފަތުރާ އީޑީސް މަދިރި

އީޑީސް މަދިރީގެ ސަބަބުން ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކަމަށްވާ "ޒިކާ" ގެ އަސަރެއް ރާއްޖެއިން ފެނޭތޯ ބެލުމަށްޓަކައި ޑަބްލިއުއެޗްއޯގެ ޓީމެއް ރާއްޖެ އައިސް މަސައްކަތްތަކެއް ފަށައިފިއެވެ.

އެގޮތުން ސިއްހީ އޮފިޝަލަކު ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ދެ މެމްބަރަކު މިހާރު ރާއްޖެއަށް އައިސް ޓެސްޓްތަކެއް ކުރިޔަށް ގެންދިއުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް އައި ފިންލޭންޑްގެ ފަތުރުވެރިޔަކު އެނބުރި ގައުމަށް ދިޔަ ފަހުން އޭނާގެ ގައިން ޒިކާ ވައިރަސްގެ އަސަރު ފެނުނު ކަމަށް ފިންލޭންޑްގެ ސިއްހީ ދާއިރާގެ އޮފިޝަލަކު ބުނެފައި ވާއިރު ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތޯ ބެލުމަށް ތައިލެންޑްގެ ތަޖުރިބާކާރުންގެ ޓީމަކުން ވެސް މިހާރު ދަނީ ތަހުލީލްތަކެއް ކުރަމުންނެވެ.

އީޑީސް މަދިރީގެ ސަބަބުން ފެތުރޭ މި ވައިރަސްއަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ޑެންގީ އަދި ޗިކަންގުންޔާ ވައިރަސްއާ އެއްއާއިލާއެއްގެ ވައިރަސްއެކެވެ.

މިހާތަނަށް އެމެރިކާ ސަރަހައްދުގެ ގިނަ ޤައުމުތަކުން މި ވައިރަސް ފެނުމާއި ގުޅިގެން، އަދި އާދަޔާއި ހިލާފަށް ބާރަށް މި ވައިރަސް ފެތުރެމުން ދާތީ ފެތުރެމުންދާތީ ޑަބްލިއުއެޗްއޯއިން ވަނީ މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާންކޮށްފިއެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ޒިކާ ވައިރަސްގެ އެލާޓް ލެވަލް އެބޯލާ އާއި އެއްވަރަށް މަތިކޮށްފައެވެ. ޒިކާ ވައިރަސްގެ އެލާޓް ލެވަލް މަތި ކުރުމުން އެވައިރަސް އަށް ބޭހެއް ނުވަތަ އިންޖެކްޝަނެއް އުފެއްދުމަށް ކުރަންޖެހޭ ދިރާސާތާ ކުރުން އަވަސް ވެގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޒިކާ ވައިރަސް އަށް އަދި ބޭހެއް ނުވަތަ ވެކްސިންއެއް ވެސް އުފެއްދިފައި ނުވާއިރު ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެ ވައިރަސްއަށް ފަރުވާއެއް ހޯދުމަސް އަދި 10 ވަރަކަށް އަހަރު ނަގާނެ ކަމަށެވެ.

ޒިކާ ވައިރަސް އަކީ ބޮޑެތި މީހުންނަށް މާ ބޮޑު ގެއްލުންތަކެއް ކުރިމަތި ކުރުވާ ވައިރަސް އަކަށް ނުވީ ނަމަވެސް އޭގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުންޑިއަށް ގެއްލުން ދިނުމުގެ އިތުރުން ހެދިބޮޑުވުމަށް ބަދަލުއައިސް ދަރިފުޅުގެ ބޯ ފުރިހަމަޔަށް އުފެދުމަށް ހުރަސްއެޅެއެވެ. މިފަދަ ކުދިންގެ ބޯ ނޯމަލް ކުދިން ގެ ބޮލަށްވުރެ ކުޑަ ވެފަ، ހުންނަ ގޮތް ތަފާތު ވާނެއެވެ.

ADS BY ASTERS

Comments are closed.