ކ. މާފުށީ ޖަލަށް ވައްދަން އުޅުނު ތިން އިންޗިގެ ފޯނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ ޓެކްނޮލަޖީގެ އާ ވަސީލަތްތަކާ އެކުގައި ފޯނުތައް ކުދިވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ރޭ އަތުލައިގަތް މޯބައިލް ފޯނުގެ ބޮޑުމިނުގައި ހުރީ އެންމެ ތިން އިންޗި ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓުގައި ޖަލަށް ވައްދަން މަސައްކަތް ކުރި ފޯނު ވެސް ދައްކާލެއްވިއެވެ. އެ ފޯނު އޮތީ ބޭސް ފޮއްޓެއްގެ ތެރޭގައެވެ. އެ ފޮށީގައި އޮންނަ ވައްތަރުގެ ބޭސްފުޅިއެއް ވެސް ފޮޓޯގައި އޮތުމުން ބެލެވެނީ ބޭސްފުޅިތައް ހުރި ފޮށިތައް ވެސް އެ ޕެކޭޖްގައި ހުރި ކަމަށެވެ.

އަހުމަދު ވިދާޅުވި ގޮތުގައި ޖަލަށް އެއްޗެހި ވެއްދުމުގައި ކުށްވެރިން ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ޑެލިވަރީކުރާ އެއްޗެހީގެ ތެރޭގައި ހިމަނައިގެން ވެއްދުމާއި ޖަަލަށް މީހުން ޒިޔާރަތްކުރާ އިރު އެއްޗިހި ގެންދިއުމާއި ފެންސް މަތިން ޖަލު ތެރެއަށް އެއްޗެހި އުކުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގައި އެކަންކަން ހުއްޓުވަން ކާމިޔާބު އޮޕަރޭޝަންތަކެއް ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަހުމަދު މުހައްމަދު ކުރެއްވި ދެވަނަ ޓްވީޓެއްގައި އޮތީ ޖަލުން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ ފޯނާއި ފޯނާއި ފޯނަށް ބޭނުންވާ އެހެނިހެން ސާމާނުގެ ދެ ފޮޓޯއެކެވެ. އެއީ މީގެކުރިން ކަރެކްޝަންސް އިން އަތުލައިގަތް ފޯނުތަކަކާއި ފޯނާ ގުޅޭ ސާމާނުތަކެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތިކަމާ ނުބެހިބަލަ! ޖަލަށް ފޯނު ވަގަށް ވެއްދުމުގެ އިލްމު އެންމެ ފުރިހަމައަށް ހޯއްދަވައިގެން ހުންނެވީ ޝައިޚު އިމްރާން! ތި މީހުންނަށް އަދި އިނމްރާނާ ކައިރިވެސް ނުކުރެވޭނެ!

    2
    1
  2. އުއްކޮ

    ތިތަނުގެ ޑިއުޓީކުރާ އޮފިސަރުން ވައްދާ އެއްޗެހި މާގިނަ. ހެނދުނު ގޮޅި ޗެކްކޮށްފަ ހަވީރު ބަލާއިރު އޮންނާނީ ތިހުރިހާ އެއްޗެއް ވައްދާފަ. ޑިއުޓީ އޮފިސަރުން އިސްލާހުކުރުން މާރަނގަޅުވާނެ

  3. މޮޔަބެ

    މިއޮތީވާ ކަމެއް ކުރެވިގެން ނޫހުގައިޖަހާ އުފާކުރަންޖެހޭކަމެއް. އަދި 2" ފޯނުވެސް ހަނދާނެ...

  4. ޖެނަރަލް ނަދީމު

    މާލޭޖަލުގަ ސްޓޯރ ކޮށްފަ ހުރި ފޯނުތައް ކުށްވެރިން ވަގަށްނަގާގެން ގޮޅިތަކުގައި ބޭނުންކުރަނީ ހާދަ ސެކިއުރިޓީ ވަރުގަދަވީމައޭ. ތިތާ ތިއުޅޭ ކޮރަޕްޓް ވެރިން ނައްތާލާގެންނޫނީ ހައްލުވާކަށްނެތް. އެކަން އިނގޭނެ އަމީން ސޯއަށްވެސް ދޯ