މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެތެރެ ކޮށްފައިވާ މުދަލުން 16.2 މިލިއަން ރުފިޔާގެ ޑިއުޓި މައާފު ކޮށްދީފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިގޮތަށް ބުނެފައިވާއިރު ކޮވިޑް-19 ފެތުރުން ހުއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅިގެން ރާއްޖެ އެތެރެކުރާ ސިއްހީ ސާމާނުތަކުން ޑިއުޓީ މައާފު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ނިންމަވާފައެވެ. އެހެންކަމުން ކޮވިޑާއި ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެން ދެން ރާއްޖެ އެތެރެކުރާ ސިއްހީ އެއްވެސް މުދަލަކުން ޑިއުޓީއެއް ނުނަގާނައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިން ޑިއުޓީ އާއި ޕްރޮސެސިން ފީ ނުނަގާނެއެވެ.

އެ ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ މައާފުކޮށްދެއްވީ އެކްސްޕޯޓް އިމްޕޯޓު ގާނޫނު ގެ އަށް ވަނަ މާއްދާގެ ހ. އާއި ށ. އިން ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލު ކުރާނެ އުސޫލުގެ އަށް ވަނަ މާއްދާގެ ހ. އާއި ރ. ގެ ދަށުންނެވެ.

މީގެ ކުރިންވެސް ރައީސް ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ މައާފުކޮށްދެއްވައިފަ އެވެ. އެ ތަކެއްޗަކީ ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި، މާސްކާއި، ފޭސް ޝީލްޑް، އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާ ފަދަ ބައެއް ތަކެއްޗެވެ.