ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދަށް، ލ.އަތޮޅު ގަމުން ގޯއްޗެއް ލިބުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޮޑަށް އެ ކޮމިޝަނުން ބަލަމުން ދަނީ ގަމުން ގޯތި ދޫކުރުމުގައި ޕޮއިންޓު ދީފައިވާ އުސޫލާއި ގުޅޭ މައްސަލައެއް ކަމަށެވެ. އަދި ފަހުން މީޑިއާތަކުގައި ޖީހާންގެ މައްސަލަވެސް ރިޕޯޓު ކުރުމުން އެ މައްސަލައިގެ ތެރެއަށް ޖީހާން އަށް ގޯތި ލިބުނު މައްސަލަވެސް ވަދެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމިއްލަ އިސްނެގުމުގެ މަތިން ހަމަ މި ބަލަނީ، ދެން ސޯޝަލް މީޑިއާގައި އަޅުގަނޑުމެން [އޭސީސީ] ޓެގު ކޮށްފައިވާ އެބަހުރި އެކަމުގައި މައްސަލަ ބަލައި ދިނުމަށް އެދި،" އޮފިޝަލް ވިދާޅުވިއެވެ.

ޖީހާން މީގެކުރިން "ވަގުތު" އަށް ވިދާޅުވެފައި ވަނީ ލ.ގަމުން ގޯއްޗެއް ހޯދަން ފޯމް ހުށަހެޅީ ރަށުން ބޭރު މީހުންނަށް ވެސް އެރަށުން ގޯތި ދޫކުރަން ކައުންސިލުން އިއުލާން ކުރުމުން ކަމަށާއި، އެރަށުން ގޯއްޗެއް ބޭނުންވީ އެރަށަކީ ފިރިކަލުންނާއި އަދި ދެދަރިންގެ ރަޖިސްޓްރީ ވެސް އޮތް ރަށް ކަމަށް ވުމުން ކަމަށެވެ.

ޖީހާން ވިދާޅުވީ ގަމުން ގޯއްޗެއް ހޯދަން އޭނާ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި، އޭނާ އަށް ޕޮއިންޓް ލިބުނު ގޮތް ސާފުކުރަން މިހާރު ކައުންސިލްގައި އެދިފައި ވާނެ ކަމަށެވެ.

"ރަށުން ބޭރު މީހުންނަށް ވެސް ގޯތި ލިބޭނެ ކަމަށާއި، ތައުލީމީ ފެންވަރަށާއި ދަރިން ރަށުގައި ރަޖިސްޓްރީ ވެފައި އޮތްނަމަ ޕޮއިންޓް އިތުރަށް ލިބޭނެ ކަމަށް އިއުލާން ކޮށްފައި އޮތީ. އަޅުގަނޑު މާސްޓާސް ހަދާފައި ވުމުން އިތުރަށް ޕޮއިންޓް ލިބޭނެ. އަދި ދެދަރިންގެ ރަޖިސްޓްރީ ވެސް އޮތީ ގަމުގައި. އެހެންވީމަ އަޅުގަނޑަށް ވެސް ގިނަ ޕޮއިންޓްތަކެއް ލިބޭނެކަން އެނގޭތީ ފޯމް ހުށަހެޅީ. އެއްވެސް މީހަކަށް ގުޅައިގެން ގޯތި ހަމަޖައްސަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާނެ." ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ ގަމުން ގޯއްޗަކަށް އެދުނު އަނެއް ސަބަބަކީ އޭނާގެ އެއްވެސް ބިމެއް ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތުމުންނާއި، މުސްތަގުބަލްގައި މާލޭގައި ދިރިއުޅެން ބޭނުން ނުވާތީ ކަމަށެވެ.

އެކަމާއި ގުޅިގެން ގަމު ކައުންސިލުން މީގެކުރިން ބުނެފައިވަނީ ލ.ގަމުން ގޯއްޗަށް އެދި ހުށަހެޅި ފޯމު އިވެލުއޭޓް ކުރުމަށްފަހު އޭނާ ޕޮއިންޓް ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރެއިން ގަމުގައި ދިރިއުޅޭ މީހުންނަށްދިނުމަށް ކަނޑައެޅިފައިވާ 10 ޕޮއިންޓް ދިނުމުގައި ޢަމަލުކޮށްފައިވާނީ ކައުންސިލްގެ ގޯތި އިވެލުއޭޓްކުރާ ކޮމެޓީއިން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ.