ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނަށް ބައެއް ބަދަލުތައް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ގައިޑްލައިނަށް ބަދަލުތަކެއް ގެންނަން ނިންމަވާފައި ވަނީ މިއަދު ކުރިއަށް ދިޔަ، ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ދެވަނަ ބައްދަލުވުމުގައި އެ ގައިޑްލައިނާ ގުޅޭގޮތުން ޓާސްކްފޯސްގެ ބައިވެރިންނާއި މަޝްވަރާކުރެއްވުމަށްފަހު އެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެ މަޝްވަރާތައް ފެއްޓެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުގެ ތެރޭގައި ހުޅުވާލާއިރު އެކަމުގައި ސަރުކާރުން ވިސްނުންގެންގުޅުއްވާ ގޮތް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އަދި މި ގައިޑްލައިންގައި ހުރި ބައެއް މާއްދާތަކާމެދު ޓާސްކްފޯހުގެ މެންބަރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިގޮތުން މި ބައްދަލުވުމުގައި ޓާސްކްފޯހުގެ މެންބަރުން ޚިޔާލު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓުހެދުމާއި، އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި އަދި ރިޒޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މައްދާތަކުގައި ހުރި ކަންކަން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހިރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

އެ ގައިޑްލައިންގެ ބައެއް މާއްދާތަކަށް ބަދަލު ގެންނަވަން ރައީސް ނިންމަވާފައި ވަނީ އެ ޓާސްކްފޯސްގެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ މަޝްވަރާ އާ އެކުގައެވެ.

ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯހުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 3 މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ. އެ 3 މަސައްކަތު ގުރޫޕަކީ، ވާރކިންގް ގްރޫޕް އޮން ފައިނޭންސް، ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ވާރކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަދު

    ތިޔަ ޖަލްސާ އަކުން ގައިދުރު ކަމެއް ނުފެނޭ. ބޮޑުން މިކަހަލަ ކަންކަން ކުރަންޏާ ދެން އެހެންމީހުން ކަންކުރާނީ ކިހިނެތްބާ!!!

    12
  2. ސެލްފީ

    ބުއްޅަބޭ ވެސް މަޖިލީހުން ބަދަލު ގެންނަނީ، ސްލޯ ބޭވެސް ބަދަލުގެންނަނީ، ދެން ސަލާމަތެއްނެތެއްނޫން! އެކަމަކު ލަންކާއިން ކޮޕީކުރަނީޔޯ!

    10
  3. ކޮތަރު

    ކޮންމެ ދެމީހެއްގެ ދޭތެރޭގަ 3 އިންޗި ހުރީމަ ބޮޑުންނަށް ކަމުދާނެ. ގައިކޮޅު ގައިގާދުރު.