ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ނަމަވެސް ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އިން އައްޑޫ ސިޓީ ގަމަށް ދަތުރު ކުރުމާއި ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފިރާގު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެކުންފުންޏާއި ގުޅިގެން ސްރީލަންކަން އިން ގަމަށް ކުރަމުން ދިޔަ ދަތުރުތައް ކޮވިޑް-19 ގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވޭނެ އިރަކަށް އިންތިޒާރުގައި ތިބި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރުތައް ހުޅުވުނު ނަމަވެސް ސްރީލަންކަން އިން ގަމަށް ކުރާ ދަތުރުތައް އަލުން ފެށުމް ނިންމާފައި ނުވާ ކަމަށް ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ އެ ނިންމުން އަދި ނިންމިފައި ނުވާ މައިގަނޑު އެއް ސަބަބަކީ އައްޑޫ އަތޮޅު އެކަނި ހިމެނިގެން އެކަށީގެންވާ އަދަދަށް ޕަސިންޖަރުން ނުލިބޭތީ ކަމަށެވެ. ފިރާގު ވަނީ ފާއިތުވި ތިން އަހަރު އެކަމުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

"އެހެންނަމަވެސް ހުވަދު އަތޮޅާއި ގުޅާލެވޭނެ އިންތިޒާމެއް ހަމަޖެހިއްޖެ ނަމަ ދަތުރުތައް ފެށިދާނެ ކަމަށް ވިސްނިދާނެ ކަމަށާއި އަދި ހާލަތުން އަރައިގަނެވުނުހާ އަވަހަކަށް ގައުމީ އެއާލައިންގެ އިންޓަނޭޝަނަލް އުދުހުންތައް ވެސް އައްޑޫ ސިޓީ އަށް ފެށޭނެ ކަމަށް ދެކެމެވެ،" ފިރާގު ވިދާޅުވިއެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަންގެ އޮފީހެއް އައްޑޫގައި ހުޅުވީ ނޮވެމްބަރު 1، 2016 ގައެވެ. ދަތުރުތައް ގަމަށް ފަށާފައިވަނީ ޑިސެމްބަރު 19، 2016 ގައެވެ.

ގަމަށް ސްރީލަންކަން އިން އުދުހެން ފެށުމާއެކު އައްޑު އަތޮޅާއި ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ގިނަ ފައިދާ ތަނެއް ދަނީ ލިބެމުންނެވެ.