ޒިކާ ވައިރަސްއާ ދެކޮޅަށް ދެ ވެކްސިނެއް އިންޑިއާގެ ހައިދަރުއާބާދު ލެބޯޓަރީގެ ސައިންޓިސްޓުން އުފައްދައިފިއެވެ.

ADS BY OOREDOO

އިންޑިއާގެ އެންޑީޓީވީ ނޫހުގައި ބުނެފައިވާ ގޮތުން މި ވެކްސިން އުފައްދާފައިވަނީ، ހައިދަރުއާބާދުގައި ހުންނަ ބާރަތު ބަޔޯޓެކް އިންޓަނޭޝަނަލް ލިމިޓެޑުންނެވެ.

އެ ކުންފުނީގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު ޑރ. ކްރިޝްނާ އެލާ ވިދާޅުވީ، އެ ކުންފުންޏަކީ ޒިކާ ވައިރަސްއަށް މިހާތަނަށް ވެކްސިނެއް އުފެއްދި ފުރަތަމަ ކުންފުނި ކަމަށާއި، މި ވެކްސިން އުފެއްދުމުގެ މަސައްކަތް މީގެ ނުވަ މަސްކުރިން ފަށާފައިވާ ކަމަށެވެ.

އެ ވެކްސިންތައް ޓެސްޓު ކުރުމުގެ މަރުހަލާ ދިގުދެމިގެންދާނެ ކަމަށް ބެލެވޭއިރު، ޑރ. ކްރިޝްނާ ވަނީ މިކަމުގައި އިންޑިއާ ސަރުކާރުގެ އެހީއަށް އެދިފައެވެ. އަދި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އިން ވަނީ މި ކަމުގައި އެ ކުންފުންޏަށް އެހީތެރިވުމަށް ނިންމާފައެވެ.

"ޒިކާ ވައިރަސްއަށް ވެކްސިނެއް ބަޔޯޓެކް އިންޓަނޭޝަނަލް ލިމިޓެޑުން އުފައްދާފައިވާ ކަމުގެ މައުލޫމާތު މިހާރު ވަނީ ލިބިފަ. އަހަރުމެން ސައިންޓިފިކް ނަޒަރަކުން އެ ވެކްސިން ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނަން" އައިސީއެމްއާރްގެ ޑިރެކްޓަރ ޖެނެރަލް ޑރ.ސޫމާ ސްވަމިނަތަން ވިދާޅުވިއެވެ.

ބާރަތު ބަޔޯޓެކް އިން ހާމަކޮށްފައިވާ ގޮތުގައި، ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް، ޒިކާ ވެކްސިންގެ އެއް މިލިއަން ޑޯޒް ތައްޔާރު ކުރެވޭނެއެވެ.

ADS BY SHEESHA

ޒިކާ ވައިރަސް އާދަޔާއި ހިލާފަށް ބާރަށް ފެތުރެމުން ދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔޭގައި ވަނީ އެމަޖެންސީ އިއުލާންކޮށްފައެވެ. ދުނިޔޭގެ 23 ގައުމަކުން ޒިކާ ވައިރަސް ފެނިފައިވާކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާއިރު، ދެކުނު އެމެރިކާގެ ގައުމުތަކުގައި މި ބަލި ދަނީ ވަރަށް ބާރު މިނެއްގައި ފެތުރެމުންނެވެ.

2 ކޮމެންޓް

  1. ހެހެ އިންޑިއާ ނިއުމެރޯ އޫނޯ! ވާސަރީވާ. ކިޔާ ވެކްސިން ހޭ ރަމޭޝް!

  2. ކިހިނެތް މިވީ؟ ގައިމު ކުރިން ބުނި ޒިކާ ވައިރަސްއަށް ވެކްސިނެއްހަދަން 10 އަހަރު ނަގާނެޔޯ.. އެއްވެސް މީހަކު މި މީހުން ގާތު އެވާހަކަ ނުބުނޭދޯ؟ ހެހެހެ އުންމީދުކުރަން މި ވެކްސިން ޓެސްޓުކުރުމުގެ މަރުހަލާ ނިމި ކައިރި މުސްތަޤުބަލެއްގައި ބަހަން ފަށާނެކަމަށް.