ކުޑަކުދިން ގެންގުޅޭ ކުޅޭ އެއްޗެހި މިދުވަސްކޮޅު ރަނގަޅީ އެހެން ކުޑަކުދިންނަށް ކުޅެން ނުދިނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޒަލް ވިދާޅުވީ ކުޑަކުދިންގެ ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމުގެ އާދަ ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި ކުޑަކުދިން ބޭރަށް ނުކުންނަ އިރު، ބެލެނިވެރިއަކާ އެކު، ނިކުމެ ގައިދުރުކަން ބެހެއްޓުމަށް އިސްކަން ދޭން ވާނެ ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

"ގެއިން ނުކުންނަ އިރު، ކުޑަ ކުއްޖާ އަށް އިރުޝާދުތައް ހަނދާންކޮށް ދީފައި ނިކުންނަން ވާނީ،" އަފްޒަލް ވިދާޅުވިއެވެ.

މީގެއިތުރުން ކުޑަކުދިން ގެންގުޅޭ އެއްޗެހި، އެހެން ކުދިންނަށް މި ދުވަސްކޮޅު ދޭން ނުވާނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަދި އެފަދަ ކުޅޭ އެއްޗެހި ރަނގަޅީ އެހެން ކުދިންނަށް ކުޅެން ނުދީ، އަމިއްލަ އަށް ބޭނުން ކުރުން ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

"ކުޑަކުދިން ކުޅޭ އެއްޗެހި މިކްސްވުން ރަނގަޅެއް ނޫން،" އަފްޒަލް ވިދާޅުވިއެވެ.

އެހެންވެ، ކުޑަކުދިން ޕާކްތަކަށް ދިޔަ ކަމުގައިވިޔަސް، ރަނގަޅީ އާއިލާއާ އެކީގައި ކުޅިވަރު ހަރަކާތްތައް ހިންގުން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 2،138 މީހަކު ފައްސިވެފައިވާ އިރު، އެމީހުންގެ ތެރޭގައި ހިމެނެނީ 737 ދިވެހިންނާއި 1،401 ބިދޭސީންނެވެ. މި ބަލިން މިހާތަނަށް 1،759 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މި ބަލީގައި އަށް މީހަކު ވަނީ ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، ރާއްޖެ އިން އުމުރުން 10 އަހަރުން ދަށުގެ 50 އަށް ވުރެ ގިނަ ކުދިންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު