ކޮވިޑް-19 އާ ގުޅިގެން އާ އާންމު ހާލަތަށް ރުޖޫއަވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ޕާކްތަކާއި މައިޒާންތަކަށް ދާން ވާނީ މާސްކް އަޅައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އުސޫލުގައި ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އުސޫލުގައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މައުލޫމާތާއި އަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން ތިން ފޫޓު ގައިދުރުމިން ބެހެއްޓުން، އަތުގެ ސާފުތާހިރުކަން ފަދަ) ޕާކް އަދި މައިޒާންގެ ވަންނަ ދޮރު ކައިރީގައި އަދި އެތަނުގެ އެތެރޭގައި އާންމުންނަށް ފެންނަ ގޮތަށް ބަހައްޓަން ވާނެ ކަމަށެވެ.

އުސޫލުގައި ވަނީ މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓޭ ގޮތަށް އެއްފަހަރާ ތަނުގެ ތެރެއަށް ވަދެވޭނެ މީހުންގެ އަދަދު ފެންނަ ގޮތަށް ބޯޑުތަކުގައި ލިޔެފައި ބެހެއްޓުމާއި އެތަންތަނަށް މީހުން ވަނުމާއި ނިކުތުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

ޕާކް އަދި މައިޒާންތަކުގައި އުޅޭ މާސްކް އަޅަން ޖެހޭ އިރު، ކުޑަކުދިން ދުވެ، ކުޅެ ހަދާ އިރު، މާސްކްގެ ސަބަބަބުން ދިމާވެދާނެ ކަމަކަށް ސަމާލުވާން ވާނެ ކަމަށާއި މާސްކް އެޅުމުގެ ރަނގަޅު އުސޫލުތަކަށް އަމަލު ކުރަން ވާނެ ކަމަށް އެޗްޕީއޭގެ އުސޫލުގައިވެއެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ޕާކާއި މައިޒާން ފަދަ ތަންތަން މަދުވެގެން ދުވާލަކު އެއް ފަހަރު ސާފު ކުރަން ވާނެއެވެ. އަދި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މިފަދަ ތަންތަން އައިސްގެން ނުވާނެ ކަމަށް އުސޫލުގައިވެއެވެ.

ޕާކް ނުވަތަ މައިޒާނުގައި އުޅޭ އިރު، އެތަންތަނުގައި ހުންނަ ތަކެތީގައި ނުވަތަ ތަންތަނުގައި އަތްލުން މަދުކުރަން ވާނެ ކަމަށާއި އަތް ސާފުނުކޮށް މޫނުގައި އަތްލައިގެން ނުވާނެ ކަމަށް އުސޫލުގައިވެއެވެ.

އަދި އެފަދަ ތަންތަނުގައި އުޅެފައި ގެއަށް ދިއުމުން ސައިބޯނިލައިގެން މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮންނަން އުސޫލުގައި އިރުޝާދުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު