ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވައިގެ މަގުން ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލަންވީ ގޮތުގެ ގައިޑްލައިނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން ނެރުނު އުސޫލުގައި ވަނީ ސީޕްލޭނެއް ނަމަ، ބަލި މީހާއާ އޭނާގެ އެހީތެރިޔާ އަދި އޭނާއާ އެކު ދަތުރު ކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން އެއްވެސް މީހަކު ދަތުރުކޮށްގެން ނުވާނެ ކަމަށެވެ.

ބަލި މީހާ ބައިންދަން ވާނީ ނުވަތަ ބާއްވަން ވާނީ ސީޕްލޭންގެ ފަހަތު ސީޓުތަކުގައި ކަމަށާއި ޕައިލެޓުންނާއި ކްރޫއިންނާއި އެކީގައި ދަތުރު ކުރާ ސިއްހީ ހިދުމަތްތެރިޔާ ސާޖިކަލް މާސްކާއި ޑިސްޕޯޒަބަލް އޭޕްރަން އާއި ގޮގުލްސް ބޭނުން ކުރަން ވާނެ ކަމަށް އުސޫލުގައިވެއެވެ. އަދި ހޮޑު ފަދަ އެއްޗެއް ނުވަތަ ފާހަނާ ސާފު ކުރާ އިރު، ސާޖިކަލް ގްލަވްސް ބޭނުން ކުރަން އެދިފައިވެއެވެ.

ބަލި މީހާ އާއި އެހީތެރިޔާ އާއި އެކީގައި ދަތުރު ކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން ދަތުރުވެރިން ދަތުރު ކުރާ ނަމަ، ބަލި މީހާ ބައިންދަން ވާނީ ނުވަތަ ބާއްވަންވާނީ މަތިންދާބޯޓުގެ ފަހަތު ސީޓުތަކުގައި ކަމަށް ވެސް އުސޫލުގައިވެއެވެ.

އަދި ބަލި މީހާ އިންނަ ނުވަތަ އޮންނަ އޭރިއާގެ ވަށައިގެން ކޮންމެ ފަރާތަކުން ދެ ސީޓުވާ ގޮތަށް އެއްވެސް ދަތުރުވެރިޔަކު ނާރުވައި ހުސްކޮށް ބާއްވަން ވާނެ ކަމަށް ވެސް އުސޫލުގައިވެއެވެ. ޕައިލެޓާއި ކްރޫ އިންނާއި ސިއްހީ ހިދުމަތްތެރިޔާ ސާޖިކަލް މާސްކާއި ސާޖިކަލް ގްލަވްސް އާއި ފޭސް ޝީލްޑް ބޭނުން ކުރަން ވާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ބޯޓުން އަރާ ފައިބާ އިރު، އަތް ޑިސްއިންފެކްޓް ކުރުމަށްޓަކަައި ހޭންޑް ސެނިޓައިޒާ ބޯޓުގައި ބަހައްޓަން ވާނެއެވެ.

ދަތުރުވެރިން ބޯޓަށް އަރުވާނީ ބަލި މީހާ އާއި އެހީތެރިޔާއާ އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާއަށް ވުރެ ކުރިން ކަމަށާއި ސިއްހީ ހިދުމަތްތެރިޔާ އެހެން މީހުންނަށް ވުރެ ކުރިން ބާލަން ވާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދުކަލޯ

    ނަސީބެއް ކަލޯ ދޮރުތަށް ހުޅުވައިގެން ދަތުރުކުރަން ނުބުނިކަން ވެސް