11 އަހަރު ކުއްޖާ ރޭޕް ކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ކުށުގެ ތުހުމަތުކުރެވޭ މީހާ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް ޕްރޮސިކިއުޓަރު ޖެނެރަލް ގާތުގައި އެދިވަޑައިގެންފައިވާތީ، ޕްރޮސިކިއުޓަރު ޖެނެރަލްގެ ފަރާތުން އެފަދަ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާފައިވާތީ، މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ބަންދާއި މެދު ގޮތެއް ނިންމުމުގެ އަޑުއެހުމުގައި ކަމަށެވެ.

ފުލުހުން ވަނީ މި މަހުގެ 13ވަނަ ދުވަހު އެމީހާ ވަނަވަރުވެސް އާއްމުކޮށްފައެވެ. މިއީ ފުލުހުން މިފަދަ މައްސަލައެއްގައި ހިމެނޭ މީހެއްގެ ވަނަވަރު ފަހަކަށް އައިސް ހާމަކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ވިދާޅުވީ އަނީސް ޙިލްމީ ހައްޔަރުކޮށްފައިވަނީ، ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށާއި ކުޑަކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ލިބިދާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރާކަމުގެ މަޢުލޫމާތެއް ނުވަތަ އެފަދަ ޝައްކެއް ކުރެވުނަސް އެކަމުގެ މަޢުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ނަންބަރު 3000600 ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ވެސް ފުލުހުން އެދެއެވެ.