މާދަމާ އިރުކޭތަ ހިފާއިރު މާލެސިޓީގެ މިސްކަިތްތައް ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި ހެނދުނު 10:30ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުލްއަޒީޒް އިސްމާއީލް ސޮއި ކުރައްވާ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަ ވަނީ އިރުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ހެނދުނު 9:39 އެހާއިރު ކަމަށެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މާދަމާގެ ހެނދުނު 10:51 ގައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ކޭތަ ވީއްލާނީ މެންދުރު 12:14ގައި ކަމަށްވެސް އެ ސާކިއުލާގައިވެއެވެ.

އެހެންކަމުން މާދާމާ ކޭތަ ނަމާދު ކުރުން އޮންނާނެއެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް-19 އާއި ގުޅިގެން ކޭތަ ނަމާދު ކުރުމެއް ނޯންނާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވާ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ ބޮޑު މިސްކިތުގައި މާދަމާގެ ހެނދުނު 10:30ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފައިވަނީ މާދަމާ ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގައި ކަމަށެވެ.

އިރަށް ސީދާ ބެލުމަކީ ލޮލަށް ގެއްލުންވާނެ ކަމެއް ކަމަށް ސިއްހީ ފަރާތްތަކުން ބުނެއެވެ. އެހެން ކަމުން ފުރިހަމަ އިރު ކޭތަ ހިފާ ވަގުތުއާއި ވީއްލާ ގަޑިތަކުގައި ބެލުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

އިރުކޭތަ ހިފަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ.

ފަޅި ކޭތައެއްގެ ގޮތުގައި މި ކޭތަ ފެންނާނެ ގައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖެ އާއި އުތުރު އަދި އިރުމަތީ އެފްރިކާގެ ގައުމުތަކާއި، ޔޫރަޕްގެ އިރު ދެކުނު ސަރަޙައްދާއި، އޭޝިޔާގެ ގިނަ ގައުމުތަކާއި، އޮސްޓްރޭލިޔާގެ އުތުރު ސަރަޙައްދު ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަގޭ

    ކޭތަ ހިފާ ވަ ގުތު ތަކު ގައި ގިނަ ބަޔަކު އެއްވެ ފޮޓޯ ނެ ގުމަކީ މިހާރު ދުނިޔޭ ގައި އާންމު ވެފާވާ ކަމެކެވެ. ފަހެ ދަންނާށެވެ. ކޭތަ ހިފުން ގިނަ ވުމަކީ ގިޔާމަތް ކައިރި ވެއްޖެ ކަމު ގެ އަލާމާތެކެވެ.

    4
    1
  2. އަނިލް

    ކޭތަ ނަމާދު ޖަމާޢަތު ކުރަން ވީމާ އޯކޭ
    ފަރުޅު ނަމާދު ޖަމާޢަތުގައި ކޮއްގެން ނެތް ވާކަން
    އެހެންވެ ބުނެވެނީ މިއި ދޯހަލި ސަރުކާރެކެވެ

    6
    2