ހަލުވިކަމާއި އެކު ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް މީހުން ޓެސްޓު ކުރުމަށްޓަކައި އައްޑޫ ސިޓީ އަށް ޕީސީއާރް މެޝިނެއް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މެޝިނުން ދުވާލަކު 100 ޓެސްޓު ހެދޭނެއެވެ. މި މެޝިނުން ޓެސްޓުތައް ހެދުމަށް ލެބް ޓެކްނޮލޮޖިސްޓަކަށް ތަމްރީނު ވެސް މިހާރު ދެވިފައި ވާއިރު އެ ސިޓީގައި ދެން ޓެސްޓުތައް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެއެވެ.

އައްޑޫ ސިޓީގެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަރަފުއް ސާދާތު ވިދާޅުވެފައި ވަނީ މާލެ އިން އައްޑޫ ސިޓީ އަށް ޕީސީއާރް މެޝިނެއް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ މެޝިނާއި ގުޅޭ ތަކެތި އެސެމްބަލް ކުރުމުގެ މަސައްކަތް ފަދަ ކަންކަން ކަމަށެވެ.

މިވަގުތު އައްޑޫގައި ވައިރަހަށް ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށއ ދަނީ ބަޔޯ ފަޔަރ މެޝިނެއް މެދުވެރިކޮށެވެ. އެ މެޝިނުން ހެދެނީ ދުވާލަކަށް 24 ސާމްޕަލްގެ ޓެސްޓެެވެ. އެ މެޝިނުން ޓެސްޓުތައް ހެދުމުގެ މަސައްކަތް މިއަދު ފަށާފައި ވާއިރު، އެ ސާމްޕަލްތަކުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށް ޝަރަފުއް ސާދަތު ވިދާޅުވިއެވެ.

މިއަދާއި ހަމައަށް ރާއްޖެ އިން ޖުމްލަ 2،000 އަށް ވުރެން ގިނަ މީހުން ވަނީ މި ނުރައްކާތެރި ވައިރަހަށް ފައްސިވެފައެވެ.