ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 19 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ރަނގަޅުވި 19 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު 1788 އަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާރު ފަރުވާ ދޭމީހުންގެ ޢަދަދަކީ 389 އެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުނު ފަހުން މާލެ އިން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އައި ނަމަވެސް މިމަސް ފެށުނު ފަހުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުން ބަލިން ރަނގަޅުވާ މުއްދަތު މިހާރު އަވަސްވެފައި ވަނީ ބަލިން ރަނގަޅުވި ކަމަށް ރާއްޖެ އިން ނިންމާ މިންގަނޑަށް ބަދަލު ގެނައުމުންނެވެ. މިހާރު ރާއްޖޭގައި ބަލިން ރަނގަޅުވިތޯ ބަލަން ޓެސްޓެއް ނުކުރެއެވެ. އަލާމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން އެއީ ބަލިން ރަނގަޅުވެފައި ހުރި މީހެއް ކަމަށް ނިންމުމަށްފަހު މިހާރު ދޫކޮށްލައެވެ.