ކޮވިޑް-19 ޖެހިފައިވާ ދެމީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށާފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯސީ) އިން ވިދާޅުވެއްޖެއެވެ.

ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެކަކު، އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެކަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ޓްރީޓޮޕްގައި ވެންޓިލޭޓަރުގައި އޮތީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވެންޓިލޭޓަރުގައި ވަނީ އުމުރުން 43 އަހަރުގެ ފިލިޕީސް އަންހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 2،187 އަށް އަރާފައެވެ. ނަމަވެސް މިހާރު ގިނަ ވަނީ ބަލިން ރަނގަޅު ވެފައެވެ. މިވަގުތު ރަނގަޅުނުވެ ތިބީ 389 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ ފަސް މީހުންނަށެވެ.

ކޮވިޑް-19 އަކީ ފަސޭހައިން ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ނަމަވެސް، ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހެނީ މަދު އަދަދެއްގެ މީހުންނަށެވެ. ކޮވިޑް-19 އަށް ފައްސިވާ ގިނަ މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ވެސް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު