ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ބަލީގެ ނުރައްކާ އެންމެ ބޮޑު މާލެ ސަރަޙައްދު ފުރަބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، ފުރަބަންދުގެ ބައެއް ފިޔަވަޅުތަކަށް ލުއިދީ އާންމުންނަށް ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ދިންތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ނަމަވެސް ފުރަބަންދުގެ ލުއިތަކާއެކު ބަލީގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވާން ފަށާފައެވެ.

ދުވަސްތަކަކަށްފަހު މާލޭ މަގުމައްޗަށް، ހުއްދަ ނެތި އާންމުންނަށް ނިކުމެ އުޅުމުގެ ފުރުސަތު ލިބިގެންދިއުމާއެކު ގިނަ ބަޔަކު މަގުތަކަށް ނިކުމެ އެއްވެ އުޅޭ މަންޒަރު ފާއިތުވެދިޔަ ދުވަސްތަކުގައި ފެންނަމުން ދެއެވެ. މިގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލުތަކާއިވެސް ގިނަ ބަޔަކު އަންނަނީ ޚިލާފުވަމުންނެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ވީޑިއޯއެއްގައި ވިދާޅުވެފައި ވަނީ، މާލޭގެ އެކި ސަރަޙައްދުތަކަށް ގިނަ ބަޔަކު އެއްވާތަން ފެންނަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އަދި މިފަދަ ގޮތަކަށް ރާއްޖޭގައި މި ބަލި ފެތުރެން ފަށައިފިނަމަ އަނެއްކާވެސް އިތުރު ފިޔަވަޅުތަކާއެކު މާލެ ސަރަޙައްދު ފުރަބަންދަކަށް ގެންދަން ޖެހިދާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ. އެހެންކަމުން ބަލި ފެތުރިޔަ ނުދިނުމަށް، ހުރިހާ ފަރާތްތަކުން ވެސް އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެ އިދާރާއިން އެދިފައި ވެއެވެ.

އަދި ކޮންމެހެން މަޖުބޫރުވެގެން ގެއިން ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނިކުމެ ނޫޅުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ފުރަބަންދުގެ ލުއިތައް ދިނުމުގެ ކުރިންވެސް އެޗްޕީއޭއިން ވަނީ ރައްކާތެރި ކަމުގެ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އެދިފައެވެ. އަދި މި ލުއިތައް ދެނީ ބަލީގެ ނުރައްކާ ކުޑަވުމުން ނޫން އިރު، ސަމާލު ނުވެވިއްޖެ ނަމަ ނުރައްކާ އިތުރަށް ބޮޑުވެ، ކުރިން ރާއްޖެ އޮތް ހާލަތަށް އަނެއްކާވެސް ގޮސްދާނެ ކަމުގެ އިންޒާރު އެ އިދާރާއިން ދީފައި ވެއެވެ.

އިއްޔެ ވެސް ރާއްޖެއިން އިތުރު 37 މީހަކަށް އަލަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ ފާއިތުވެދިޔަ 20 ވަރަކަށް ދުވަސް ތެރޭ ރާއްޖެއިން މިހައި ގިނަ އަދަދެއްގެ ބަޔަކު ފައްސި ފަހަރެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 2187 އަށް އަރާފައެވެ. މީގެތެރެއިން 1788 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 389 މީހަކަށެވެ. އަދި މި ބަލީގައި މިހާތަނަށް 8 މީހަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިކޮއެ

    މާލެ ތީ އިންސާނުން އުޅެން ހެޔޮވާ ވަރު ތަނެއް ނޫން ކަން މި ކޮވޮޱް މި އަންގާދިނީ 2025 އާ ހަމަ އަށް ލޮކްޱައުން ކޮއްފަ ބާވާ އޯކޭ ވާނެ،

    21
  2. ޝަޔާމް

    ރަންޤަޅު ވާހަކަ އެއް

    34
    1
  3. Anonymous

    އަމިއްލައަށް ދޯ ލުއިތައް ދިނީ އަބަދަކު ބަންދުކޮަށްފައެއް ނުބެހެއްޓޭނެޔޭ ކިޔާފަ ، ދެން ރޯނެ ކަމެއް ނެތް

    25
    2
  4. ނަބާ

    ޕާރކް ތަކާއި މައިޒާން ތައް ހުޅުވުމުގެ ނަތީޖާ ، އެތަންތަން ނުހުޅުވާ ، މަޑުކޮށްލިނަމަ މިހެން ނުވާނެ ?

    18
    1
  5. އަރީ

    އެޗްޕީއޭ އުވާލަބަލަ.. ކިހާދެރަކަމެއް

    2
    1