ސިފައިންގެ 126 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ، އައްޑޫ ސިޓީގައި ސިފައިންގެ އާއިލީ ހަވީރެއް ބާއްވާގޮތައް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މި އާއިލީ ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ކުޅިވަރުތަކާއި ސްޓޭޖް ހަރަކާތްތަކުގެ އިތުރުން ބައެއް އަސްކަރީ ސްޓޯލްތަކާއި ރެޕަލް ކުރުމާއި، ވޯލް ކްލައިންބިންގ، ޓްރެވާސް އަދި އޮބްސްޓިކަލް ރޭހާއި ފޭސް ޕެއިންޓް ކުރުމުގެ ފުރުޞަތު މި އާއިލީ ހަވީރުގައި ކުޑަކުދިންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ސްޓޯލަކާއި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބައެއް އުޅަނދުތައް ދައްކާލުމާއި ނެވިގޭޝަން ޗާޓް ވޯކް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް މި އާއިލީ ހަވީރުގައި ކުދިންނަށް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ހަމަ އެހެންމެ ރާއްޖޭގެ ސަޤާފީ ބައެއް ހަރަކާތްތައް ދައްކާލުމުގެ ގޮތުން ސަޤާފީ ސްޓޯލަކާއި މެޑިކަލް ސްޓޯލެއްގެ އިތުރުން އެއަރ ރައިފަލް ޝޫޓް ކުރުމުގެ ފުރުޞަތުވެސް އާއިލީ ހަވީރުގައި ލިބިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

މި އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ މަރަދޫ ކުޑަކުދިންގެ ޕާކުގައި މިމަހުގެ 11 އަދި 12 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު