ކްރިމިނަލް ކޯޓުގެ މުވައޒަފަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ކޯޓުގެ ޝަރީއަތްތައް މެދުކަނޑާލާ ކޯޓު ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ ކޯޓު ޑިސް އިންފެކްޓު ކުރުމަށްޓަކައި މިއަދާއި މާދަމާ އެކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ބަންދާއި މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުންތަކާއި އަމުރުތައް ނެރުމުގެ މަސައްކަތް ފަނޑިޔާރުންނާއި އެ ކޯޓުގެ މުވައްޒަފުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ކުރިޔަށް ގެންދާނެ ކަމަށްވެސް އެ ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުން ބުނީ ކޮވިޑް-19 އަށް ފައްސިވި އެ ކޯޓުގެ މުވައްޒަފާއި ބައްދަލުވި އެހެން މުވައްޒަފުން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެ ކޯޓުން ބުނީ މުވައްޒަފަކު ކޮވިޑަށް ފައްސިވި ނަމަވެސް ކޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ކަރަންޓީނަށް ނުގޮސް ކޯޓުގެ މަސައްކަތް ހުއްޓުމަކަށް ނާންނާނެ ގޮތަށް ކަންކަން މީގެކުރިން ބައްޓަން ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ފަނޑިޔާރުންވެސް އަދި މުވައްޒަފުންވެސް މަސައްކަތް ކުރަމުން އަންނަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް އެ ކޯޓުން ބުންޏެވެ. އަދި މަސައްކަތްތައް ކުރިޔަށްދާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޓުން ބުންޏެވެ.

ދާދިފަހުން ރައްޔިތުން މަޖިލީހުގެ މުވައްޒަފަކު ވެސް ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އަދި މަޖިލިސް އިދާރާ ވެސް މިހާރު ވަނީ ޑިސްއިންފެކްޓު ކޮށްފައެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2187 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު