އައްޑޫ ސިޓީގެ އެކި ރަށްތަކުގައި ތިބި ބިދޭސީންނާއި އަދި އަލަށް ގެންނަ ބިދޭސީން، އެ ބަޔަކު ތިބި ރަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓްރީވުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ރިއާޔަތްކޮށް އައްޑޫ ސިޓީ ކައުންސިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބިދޭސީންނާއި ގުޅޭގޮތުން ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި މަޝްވަރާކޮށް ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫއަށް ބިދޭސީއަކު ގެނައުމުގެ ކުރިން އެބިދޭސީއަކު އައްޑޫ އަށް ގެންނަ ފަރާތަކުން އެ އަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީކުރަންވާނެ ކަމަށާއި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ އެކަމަށް ކަނޑައަޅާފައިވާ ފޯމުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫއިން ބިދޭސީއަކު ފޮނުވާލުމުގެ ކުރިން ނުވަތަ އެބިދޭސީއަކު ދިއުމުގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން ހުށަހަޅަންވާނެ ކަމަށާއި މިހާރު އައްޑޫގައި އުޅޭ ބިދޭސީން ވެސް އެ ބިދޭސީ އަކު ތިބި ރަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީންގެ ތެރެއިން ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވާ ބިދޭސީން އައްޑޫގެ އެއްވެސް ގެއެއްގައި ބޭތިއްބުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން، ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވެ އައްޑޫގައި ތިބި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ދައުލަތުގެ އިދާރާތަކާއި ގުޅިގެން ކުރާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ބިދޭސީން ރަޖިސްޓްރީ ކުރުމަށް (ދަފްތަރުގައި ޖެއްސުމަށް) އަދި ޑީރެޖިސްޓްރީ ކުރުމަށް (ދަފްތަރުން އުނިކުރުމަށް) އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅާނަމަ އެއަވަށެއްގެ މެއިލްއަށް ފޮނުއްވުން އެދޭ ކަމަށްވެސް އިއުލާނުގައިވެއެވެ.

އައްޑޫ ސިތީގައި ތިބި ބިދޭސީން ރަޖިސްޓްރީ ވުމަށް އަންގާފައިވާއިރު ގަވާއިދާއި ހިލާފަށް މާލޭގައި އުޅޭ ބިދޭސީންގެ ތެރެއިން 2000އަށްވުރެ ގިނަ ބިދޭސީން ސަރުކާރުން ވަނީ މިހާރު އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާލެ ބޭބެ

    ރަގަޅު އިސްނެގުމެއް.. ހެޑް ކައުންޓް ކުރަންޖެހޭ... ރަށްތަކުގެ ކައުންސިލްގަ މިފަދަ މުހިންމު މައުލޫމާތު ހުންނަންޖެހޭ .އަދި އެރަށެއްގައި ބިދޭސިން އުޅެންވާ އުސޫލުތަކާއި މަސައްކަތް ކުރެވޭނެގޮތުގެ ޕޮލިސީ ކައުންސިލްތަކުން އެކުލަވާލުމުގެ ބާރު އޮންނާނެ... ހުރިހާ ރަށެއްގައި ހުރުން މުހިންމު...

  2. އަދުހަމް

    ކައުންސިލް ތަކުގެ ބޭނުމަކީ ތިޔައީ

  3. ޢާޒަރު

    ބަލަ ތިބައިގަނޑު ބޯޓްގަނޑކަށްއަރުވާ ފޮނުވާލަބަލަ ކޮންރަޒިސްޓަރީއެއްކުރާކަށް