ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

މާދަމާގެ ނިޔަލަށް މި އަތޮޅުތަކަށް ހުދު ސަމާލު ނެރެފައި ވާއިރު، މި ވަގުތުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިވެސް ގަދަ ވާނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މުޅި މޫސުން ލަފާ ކުރެވޭ ގޮތަށް ބަލާ އިރުގައި، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމަކީވެސް އެކަށީގެން ވާ ކަމެކެވެ.

މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެއެވެ.

މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއްވައެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުން އެދެވިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު