ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު، ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވައި ފިޔަވަޅު އަޅަން މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ގޮވާލައްވައިފިއެވެ.

މަޖިލިހުގައި ބޭއްވި ޖަލްސާގައި ޖާބިރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި ބަލަން ޖެހޭ މިންގަނޑުތަކެއް ހުންނާނެ ކަމަށާއި އެ މިންގަނޑުތަކަށް ނުބަލައި އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑާލާފައިވާ ކަމަށެވެ.

ސަރުކާރުގެ ސްޓްރަކްޗައެއް ނުވަތަ ރިކަވަރީ ޕްލޭނެއް ނެތް ކަން ފާހަގަ ކުރައްވައި ޖާބިރު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މިނިވަންކަން އިއާދަކުރަން ސަރުކާރާއި މަޖިލިހަށް ވަނީ ޖާބިރު ގޮވާލައްވައިފައެވެ.

" ދުނިޔޭގެ ގައުމުތަކުގައި ތަހުޒީބުވެފައި ވަނީ ގޮތްތަކަކަށް އުޅެން، އުޅުންތައް ބައްޓަން ވެގެން އަދި ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި،" ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖާބިރު ވިދާޅުވިއެވެ.

ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާ އިރު، ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަކީ އެކަށީގެންވާ ވަރަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަތުންކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަނެ، އިގްތިސާދު ހަރުދަނާ ކުރަން އަޅަންވީ ފިޔަވަޅުތައް ހިމަނައި ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ސިޓީއެއް ފޮނުއްވައިފައެވެ.

ޖާބިރު އެ ސިޓީގައި ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބެން މެދުވެރިވާ ކަމަށެވެ. އެހެންވެ، ޖާބިރު އެދިވަޑައިގަތީ މި ދަނޑިވަޅުގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށެވެ.

ރާއްޖޭގެ އިގްތިސާދު ނަގަހައްޓަން ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުން އަވަސްކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދާރި

    ޖާބިރާ ދޭބަލަ ސަންސެޓްބަލަން. ޢެކަންކުރީޔާ މާތާހިރުވާނެ.

    20
    2
  2. ާމައިލޯ

    ޖާބިރުތީ ރައްޔިތުންނަށް ހެޔޮއެދޭ މީހެއްތަ. ޖާބިރުގެ އެހީ ރައްޔިތުންނަށް އެއްމެ ބޭނުންވި ދުވަހު އަމިއްލަ އުފަލަށް ހެލިކޮޕްޓަރެއް ތިގަތީ.

    11
  3. އެމަންޖެ

    މަޖިލިސް އުވާލަން ގޮވާލަން ، ގައުމައް އެއްމެ ގެއްލުން ބޮޑު އެއްތަން މަޖިލިސް އެތާގެ މެންބަރުންނާއި ކެނެރީ ބުއްޅަބޭ.

    16
    1