މާވެޔޮ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި، އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މިސްކިތް ހުޅުވުމުގެ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެއެވެ.

މާވެޔޮ މިސްކިތާ ބެހޭގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލުގެ ޖަވާބުގައި މާވެޔޮ މިސްކިތް، ރަނގަޅު ފެންވަރަކަށް ހެދުމުގެ ހުއްދައަކަށް އެދި މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ނޮވެމްބަރު 14، 2014 ގައި ކަމަށެވެ. މިސްކިތުގައި ނަމާދު ކުރުން ޑިސެމްބަރު 2015 ގައި ހުއްޓާލިއިރު، މިސްކިތް ތަޅާލުމަށް ހުއްދަ ދީފައި ވަނީ ޖެނުއަރީ 20، 2016 ގަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްކިތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށުނީ ޑިސެމްބަރު 7، 2017ގައެވެ. މިސްކިތުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަން މިނިސްޓްރީ އަށް އަންގާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު އެ ހުރިހާ މަސައްކަތެއް ނިމި، މިނިސްޓްރީއާ 20 ޖޫންގައި ވަނީ ހަވާލު ކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީގައި އިމާރާތްކުރި އެ މިސްކިތަކީ ތަފާތު އަދި ރީތި ތަނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ މިސްކިތަށް ހަރަދުވި ވަރެއް ސާފު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިސްކިތްތަކުގެ ޖަމާއަތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން، މިނިސްޓަރު ޒާހިރު ވިދާޅުވީ އެ ހުއްދަ ދޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފާ ލިބުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައްލަންބޭ

    ހާދަ ފަރުވާކުޑަކޮށް މަސައްކަތް ކޮށްފައިވާ ބައެއް. ކިހާވަރެއް ސަރުކާރުން ޚަރަދުކުރި ބާ؟؟

  2. މުދިންބެ

    ފައްލަންބެޔަށް ބުނެލަން އޮތީ މިސްކިތުގެ މަސައްކަތަށް ފާޑުވިދާޅުވުން ހުއްޓާލަފަ ވަގުތަށް މިސްކިތަށް ދުރުވެ މާތްﷲ އަށް އަޅުކަންކުރުމުގައި ހޭދަކުރައްވާށެވެ.