ރާއްޖެ އަދިވެސް އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި ހިޔާލު ފާޅުކުރުމަށް ތަންތަނަށް އެއްވުމުގެ ބަދަލުގައި އެހެން ގޮތަކަށް އެކަން ކުރުމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އެދިވަޑައިގެންފިއެވެ.

ފައިރޫޝް އެގޮތަށް ވިދާޅުވީ ފުލުހުންގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި މުޒާހަރާ އާއި "ނަވާނަވައި" އިން އިސް ނަގައިގެން ބޭއްވި މުޒާހަރާއަށް އިޝާރާތް ކުރައްވައެވެ. މި ދެ މުޒާހަރާ ވެސް މިއަދު ކުރިއަށް ދިޔައީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭ ކައިރީގައެވެ.

ފައިރޫޝް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެ އަދިވެސް އޮތީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށާއި މިއީ މަގުތައް މައްޗަށް މީހުން އެއްވާންވީ ވަގުތު ނޫން ކަމަށެވެ. އެހެންވީމާ ތިން މީހުންނަށް ވުރެ ގިނައިން އެއް ނުވުމަށް ފައިރޫޝް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މި ހާލަތުގައި ހިޔާލުފާޅުކޮށް ބަޔަކަށް ނުވަތަ ކަަމަކަށް އެއްބާރުލުން ދޭން އެދޭ ނަމަ އެއްވުމުގެ ބަދަލުގައި އެހެން ގޮތެއް ހޯދުމަށް ވެސް ފައިރޫޝް ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދީފައި ވަނީ ގާތްގަނޑަކަށް ދެ މަސް ފަހުންނެވެ. ނަމަވެސް އާންމުން ބޭރަށް ނުކުމެ އުޅޭ އިރު، ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

ހާއްސަކޮށް، އެކަކު އަނެކަކާ ދެމެދު ތިން ފޫޓަށް ވުރެ ދުރުމިން ބެހެއްޓުމާއި ގައިދުރުކަމަށް ސަމާލުކަން ދިނުމާއި ގިނަ ގިނަ އިން އަތް ދޮވުން ފަދަ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އެކަމަކު، އެއާ ހިލާފަށް މާލެ ތެރެއިން ފެންނަނީ އާދަޔާ ހިލާފަށް މީހުން ގިނަ މަންޒަރެވެ. އެ މަންޒަރުތަކާ ގުޅިގެން އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ލަފާ އަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވަނީ ދެއްވައިފައެވެ.

ރާއްޖެ އިން މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. މި ބަލީގައި ނިޔާވެފައި ވަނީ އަށް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަައީމް

    ފައިރޫޒު ކަލެޔަކަށް މަނާނުކުރެވުނު ނުވަތަ ކުއްވެރި ނުކުރެވުނުދޯ ރައްޔިތުންގެ މަޖިލިސްތެރޭގައި ހިގާދިޔަ ގާނޫނާއި ހިލާފު އެއްވުންތަކެއް ކަލޭގެ މައްސަލަވެސް އޭސީސީއަށްވައްދަންވީ މާ ސިޔާސީވެގަނެގެން ޔިޔަ އުޅެނީ

    37
    2
    • ސަރުބަތު

      ފުލުހުންގެ ދިފާއުގަ މުޒާހަރާކުރާ ބަޔަކު ފުލު ހުންނާ ތި ޖައްސާލަނީ. ތީގެން މިއެނގެނީ ފުލު ހުން ހެއްލޭނެ ކަމައްތަ! މިފަ ހަރު ބުނެލަން އޮތީ ސޮރީ!

      1
      6
  2. ނާއިން

    ފައިރޫޒު ބުންޔަކަސް މަގުތަކަށް ނުނިކުމެ ހިޔާލު ފާޅެއް ނުކުރެވޭނެ މި ޒަމާނަކީ ބަދިގޭ ފުއްޑުނުގަ އޮވަގެން ހިޔާލުފާޅުކުރާ ޒަމާނެއް ހިޔާލު ފާޅުކުރަން ގިނަގިނައިން މަގުތަކަށްވެސް އެހެން ތަން ތަނަށްވެސް ނިކުންންނަންވީ މި ގޮތަށް މި ގައުމު ބަޔަކުމީހުން ވެރިކަން ހުރަމުންނޭ މި ދަނީ ކިޔާފަ ރައްޔެތުންނަށް ލިބިގެންވާ އެއްމެހާ ހައްގުތަށް ނަގާލާ ގައުމު އިނދަޖައްސާ ރައްޔަތުން ބަޑަށް ޖެހެމުން ދާއިރުވެސް ހޮރުގަ އޮށްނާށެތޯ ތިބުނަނީ އެގޮތަކަށް ނުތިބެވޭނެ ކޮށްމެމީހަކަށްވެސް ހައްގުވާ މިންވަރު ހޯދަންޖެހޭ

  3. ބޭޗާރާ

    މިހާތަނަށް ކަޑުކޮހަކު ދެއްކި އެންމެ ދެއުޅިއެއްނުވާ އެންމެ ކަޑުކޮސް ވާހަކަ.

    10
  4. Anonymous

    ޖަޒީރާ ރާއްޖޭ ބަދިގެ ފުއްޑަނުގާއި ތިބެގެން ތޯ

  5. ޑައެލޯގް

    ނަސީބެއް މިކޮވިޑް އެހެން ސަރުކާރެއްގައި ނައިކަން އެހެންނޫންނަމަ ކޮންމެދުވަހަކު މުޒާހަރާއާއި ހަޅޭއްލެވުން މަގުތަކުގައި އޮތީހެވެ.