ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާދައުވާ ރިޔާސީ ކޮމިޝަންތަކަކީ ބޮޑު އިސްރާފެއް ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާޑަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިއަދު ކުރައްވާފައިވާ ޓްވީތެއްގައި ވިދާޅުވީ އިންސާފު ހޯދައިދޭން ވީ ވައުދުވެސް ފެއިލްވީ ކަމަށާއި، ކޮމިޝަން ހަދައިގެން ކުރަނީ ބޮޑު އިސްރާފެއް ކަމަށެވެ. އަދި ކޮމިޝަނުގެ ނަތީޖާއެއް ނުފެންނައިރު އިންސާފު ނުލިބުމުގެ ޒިންމާ އަކުން ނުނެރެކެވޭނެ ކަމަށާއި، ނަތީޖާ ނުނެރޭއިރު، 2.3 މިލިއަނަށް ވުރެ ބޮޑު ހަރަދެއް ކުރީ ކީއްވެތޯ ޕްރޮގްރެސިވް ކޯލިޝަނެއްގެ ސަރުކާރުން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައި މިވަނީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީއެވެ.

ރައްޔިތުންގެ މަޖިލިހުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާ ސުވާލުކުރުން ކުރިއަށް ދަނިކޮށް، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަރުކަށި ފިކުރާ ގުޅޭ ސުވާލެއް ކުރެއްވުމާ ގުޅިގެން ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ކޮމިޝަންގެ ސިޓީއެއް ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިއުއްވާފައި އެބަ އޮތް އެބޭފުޅުންނަަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މަރު ކޮމިޝަނުން ނަޝީދުގެ އެ ވާހަކަތައް ދޮގު ކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ހޯދުމަށް މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މަޖިލީހަށް ހިއްސާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.