ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ދިހަ މީހަކު ރަނގަޅުވެއްޖެއެވެ.

މިއަދު ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ ތަފްސީލެއް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 1813 މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު 2200 އިން މައްޗަށް އަރާފައިވާއިރު މި ބަލީގައި މިހާރު ފަރުވާ ދެވެމުން އަންނަނީ 391 މީހަކަށެވެ. ބަލީގައި ފަރުވާ ދެމުން އަންނަ މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުން ބަލިން ރަނގަޅުވާ މުއްދަތު މިހާރު އަވަސްވެފައި ވަނީ ބަލިން ރަނގަޅުވި ކަމަށް ރާއްޖެ އިން ނިންމާ މިންގަނޑަށް ބަދަލު ގެނައުމުންނެވެ. މިހާރު ރާއްޖޭގައި ބަލިން ރަނގަޅުވިތޯ ބަލަން ޓެސްޓެއް ނުކުރެއެވެ. އަލާމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން އެއީ ބަލިން ރަނގަޅުވެފައި ހުރި މީހެއް ކަމަށް ނިންމުމަށްފަހު މިހާރު ދޫކޮށްލައެވެ.