ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ބަންގްލަދޭޝްއަށް ފޮނުވާލި މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަ ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ފައްސިވެފައިވާ ބަންގްލަދޭޝްގެ ތިން މީހުން ފުރުވާލީ އެމީހުންގެ ސުންކު (ސާމްޕަލް) ނަގައި ޓެސްޓް ކުރުމުގެ މަރުހަލާގައި ވަނިކޮށް ކަމަށެވެ.

ބަންގްލަދޭޝްގެ މީހުން ނަތީޖާ ނުލިބެނީސް ރާއްޖެ އިން ފުރުމުގެ ހުއްދަ ދިނީ އެމީހުން ބަންގްލަދޭޝް އަށް ގޮސް ކަރަންޓީން ވާތީ އާއި އަދި ބަންގްލަދޭޝްގައި އޮންނަ އުސޫލުން އެމީހުން ޓެސްޓް ވެސް ކުރާތީ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 2217 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 1155 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ސަރުކާރުން އަންނަނީ ކޮވިޑް-19 ގެ ސަބަބުން ގަވާއިދާއި ހިލާފަތް ރާއްޖޭގައި އުޅެމުން އަންނަ ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލާފައެވެ. އެގޮތުން މިހާތަނަށް 2499 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލެވިފައެވެ.

ބަންގްލަދޭޝްގެ 3 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މީގެ ކުރިން އިންޑިއާއަށް ފޮނުވާލާފައިވާ އެގައުމުގެ ރައްޔިތުންގެ ތެރެއިން 3 މީހަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އަދި ރާއްޖެއިން އިޓަލީއަށްދިޔަ ދެ ފަތުރުވެރިއަކުވެސް ވަނީ ޓެސްޓްކޮށް ނަތީޖާ ލިބުމުގެ ކުރިން ފުރުވާލާފައެވެ. ނަތީޖާ ލިބުމުގެ ކުރިން އިޓަލީގެ ފަތުރުވެރިންތައް ފޮނުވާލި މައްސަލަ ހޫނުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ. އެ ފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ އިޓަލީއަށް ރަޝިއާ މަގުން އެމީހުން ދަތުރު ކުރަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިގްދާދު އަލީ

    ރާއްޖޭގަ ބަލިޖެހިފަ ތިބި މީހުން ރަގަޅުވިތޯ ބަލާލަން 14 ދުވަސް ފަހުން ޓެސްޓެއް ނުހެދޭއިރު ނަތީޖާ ލިބުމުގެ ކުރިން ފޮނުވާލާ ބަޔެއްގެ ޓެސްޓް ހަދަނީ ކީއްކުރަން ހެއްޔެ؟ މިވެސްހަމަ އެއްކަލަ ޓެސްޓުކުރި ޑޭޓާބޭސްއަށް ނަންބަރު އިތުރުކުރަން ކުރާކަމެއް ހެއްޔެވެ. އޭޝިޔާއިން އެންމެގިނަ ޓެސްޓް ހެދި ގައުމަށް ވާން ވެގެން ހެއްޔެވެ. ރައްޔިތުންގެ ފުރާނަޔާމެދު ހަމަ އެއްވެސް ވަރަކަށް ފަރުވާލެއްނެތީ ހެއްޔެވެ.

  2. އަހްމަދު

    ސާންޕަލްނަގައި ނަތީޖާނުލިބެނިސްފުރުވާލުމަކީ ރަނގަޅުކަމެއްކަމައްބަލަިގަތުމަކީ ހިތާމަހުރިކަމެއް އެމީހުންގެސަބަބުން އެދަތުރުކިތައްބައވެރިންކަމެއްނޭގޭނެ ބަލިޖެހުނީ މިއީހިތާމަހުރިކަމެއް