އިރާގުގެ ވެރިކަންކުރާ ބަޣްދާދުގެ، ބަޣްދާދް އިންޓަނޭޝަނަލް އެއާޕޯޓަށް ރޮކެޓް ހަމަލާއެއް އަމާޒުކޮށްފިއެވެ.

އިރާގުގެ ސަލާމަތީ އިދާރާތަކާއި ހަވާލާދީ ބައިނަލްއަޤުވާމީ ނޫސްތަކުގައި ބުނެފައިވާ ގޮތުން، މި ހަމަލާ އަމާޒުކޮށްފައި ވަނީ ބަޣްދާދް އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށެވެ.

މި ހަމަލާގައި އެއާޕޯޓަށް ލިބުނު ގެއްލުމެއް އަދި އެނގިފައި ނުވާއިރު، ހަމަލާގައި މީހަކު ޒަޚަމްވި ކަމެއް ނުވަތަ މަރުވި ކަމެއް އަދި އިދާރާއަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

މިރޭ ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުން މިއީ އިރާގުގައި ހަރަކާތްތެރިވާ ޝީއީ ހަނގުރާމަވެރިންގެ އުސްބަތް އަލް-ތައިރީން ނަމަކަށްކިޔާ ފެކްޝަނަކުން ދީފައިވާ ހަމަލާއެކެވެ.

ބަޣްދާދް އިންޓަނޭޝަނަލް އެއާޕޯޓަށް މިރޭ ރޮކެޓް ހަމަލާއެއް ފޮނުވާލާފައި މިވަނީ، މީގެ ހަ ދުވަސް ކުރިންވެސް އެ އެއާޕޯޓް ހިމެނޭ ސަރަޙައްދަށް ތިން ރޮކެޓް ހަމަލާ ދީފައި ވަނިކޮށެވެ. މިއީ ފާއިތުވެދިޔަ ދެ ހަފްތާއެއްހައި ދުވަސް ތެރޭ ބަޣްދާދުގައި ދިން މިފަދަ ހަތަރުވަނަ ހަމަލާއެވެ.

މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހުވެސް އިރާގުގެ ސަލާމަތީ ކަންކަން އެންމެ ވަރުގަދަ، އެޤައުމުގެ ގްރީން ޒޯންގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރިޔަށް ދެ ރޮކެޓް ހަމަލާ ދީފައި ވެއެވެ. މި ހަމަލާތަކާއި ގުޅިގެން އެމެރިކާއިން ތުހުމަތު ކުރަނީ، މިއީ އީރާނުން ކޮންޓްރޯލްކުރާ ހަނގުރާމަވެރި ޖަމާޢަތްތަކުން ދެމުންދާ ހަމަލާތަކެއްގެ ގޮތުގައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފަށައިގެން މިހާތަނަށް އިރާގުގައި ހަރަކާތްތެރިވާ ބޭރުގެ ސިފައިންނަށް އަމާޒުކޮށް 30 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.