ރ. އަތޮޅުގައި ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މި އޮޕަރޭޝަން ހިންގަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތް އިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަން ޖެހޭ ހުއްދަ ނެގުމަކާ ނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.

އަދި ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައާ ގުޅިގެން ރ. އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގައި މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެެވެ. އަދި އެކަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މި އޮޕަރޭޝަން ކުރިއަށްގެންދަނީ ކޮން ރަށެއްގައި ކަމާއި، އަދި ބަޔަކު ހައްޔަރުކޮށްފައި ވަނީ ކޮން ރަށަކުން ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ އޮޕަރޭޝަން ކުރިއަށް ދަނީ މަޑުއްވަރީގައެވެ.

އެކަން ރަށުގެ ކައުންސިލުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަޑުއްވަރީގައި މިދިޔަ ޑިސެމްބަރު މަހު ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައި ބައެއް ގެތައް ފާސްކޮށް، ހަރުކަށި ފިކުރު ފަތުރާ "ބޮޑުންގެ" ތެރޭގައި ހިމެނޭ ބަޔަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.