މިއަހަރު ރާއްޖެއިން ހައްޖަށް މީހުންނަށް ނުދެވޭނެ ކަން އިސްލާމިކް މިނިސްޓްރީން ހާމަ ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން 1441 ވަނަ އަހަރުގެ މާތްވެގެންވާ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރައްބިއްޔާގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭ ގޮތަށް ކަނޑައެޅޭ މަދު އަދަދެއްގެ މީހުންނަށް ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށާއި ސައުދީ ސަރުކާރުން އަބަދުވެސް އެންމެ އެންމެ އިސްކަމެއް ދޭނީ ހައްޖުގެ މަތިވެރި އަޅުކަން ބޭއްވުމަށް ކަމުގައި ވީނަމަވެސް، ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަމާލުކަން ދެއްވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސައުދީ ސަރުކާރުން އެގޮތަށް ނިންމާފައިވާތީ މިއަހަރު ރާއްޖެއިން ހައްޖަށް މީހުންނަށް ނުދެވޭނެ ކަމަށެވެ.

މިގޮތަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާއިރު، މީގެ ކުރިން އެ މިނިސްޓްރީން ވަނީ އެންމެ ފަހު ވަގުތު ހުއްދަ ލިބެންދެން ދިވެހިން ހައްޖަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.