ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މި އަހަރު އޭޕްރިލް މަހު ބާއްވަން ތާވަލު ކުރި ކައުންސިލް އިންތިހާބު ފަސް ކޮށްފައިވާއިރު، މި އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބާއްވަން މަޝްވަރާތައް ދަނީ ކުރަމުންނެވެ. އެހެންކަމުން އިންތިހާބަށް އަދި ނުވަ ވަރަކަށް މަސް އެބަ އޮތެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އަދި ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމެވެ.

އީސީން ބުނީ .ފޯމު ހުށަހަޅާފައި ވަނީ ކޮމިޝަނުގެ އީމެއިލް [email protected] އަށް ކަމަށެވެ. އަދި މި ދުވަސްވަރު ފޯމް ބަލައިގަންނާނީ މެއިލް މެދުވެރިކޮށް އެކަނި ކަމަށްވެސް ބުނެފައި ވެއެވެ.

އީސީން އިތުރަށް ބުނީ، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އަންގާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ،ގާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައި އިންތިހާބު ބޭއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ސަރީފޫ ތިމަންނަގެ ނަން އަނބުރާ ނަގައިފިން މި ނަންގެންގޮސް އަންނިޔާ ހަވާލުކުރޭ އޭނަޔައް އެނގޭނެ ހަދަނވާގޮތް.

  2. ޒުހުރާ

    ނަން ހުށަހަޅަން ފުރުސަތެއް ނޯންނާނެދޯ؟ މަކަރުވެރިކަން ނޫން ކަމެއް މިތިބި ނުލަފާ މީހުންގެ ފުށުން ނުފެނޭ!

  3. ސައްތާރު ފާރަކެ.

    މިއީ ގައުމަށް ވަރަށް ވަފާތެރި އަދި ހާއްސަކޮށް ހުރިހާ އިންތިހާބުތަކަށް ތެދުވެރި އިހުލާސްތެރި ބޮޑު ވަގެއް..