އަންނަ ޖުލައި މަހުގެ 15 ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، ހުޅުވާލަނީ ހުރިހާ ގައުމަކަށް ކަމަށާއި، ޗައިނާއިން ރާއްޖެއަށް މީހުން ފޮނުވާނެކަމުގެ ޔަގީންކަން އެގައުމުން ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ، ބައެއް ގައުމުތަކުން ބޭރަށް ދަތުރު ކުރުމުގައި ނިންމާފައި އުސޫލުތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން ބައެއް ގައުމުތަކުން ދަތުރު ނިންމާފައި އެނބުރި ގައުމަށް ދިއުމުން، 14 ދުވަހުގެ ކަރަންޓީނެއްގައި ތިބެން ޖެހޭ ކަމަށާއި، އަނެއް ބައި ގައުމުތަކުން 120 ގަޑިއިރު ނޫނީ14 ދުވަހުގެ މުއްދަތު ހަމަނުވާ ޕީސީއާރް ޓެސްޓެއްގެ ނަތީޖާ އަތުގައި އޮންނަން އެބަ ޖެހޭ". ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް ޗައިނާ، ޗައިނާއިން ރާއްޖެ މީހުން ފޮނުވާނެކަމުގެ ޔަގީންކަން އަަޅުގަނޑުމެންނަށް މިހާރު އޮތީ ދީފައި، އެހެން ނަމަވެސް ޗައިނާއަށް އެނބުރި ދާ ކޮންމެ މީހެއްގެ އަތުގައި އޮންނަން ޖެހޭ 120 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓެއްގެ ނަތީޖާ. އެއީ ގާތްގަނޑަކަށް ހަތަރު ދުވަސް ނުވާ ޓެސްޓު". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަން ކޮށްދޭ ކަމުގައި ވަނީނަމަ ޗައިނާ ފަތުރުވެރިން ރާއްޖެ އަށް އަންނާނެ ކަމަށެވެ. އަދި ޗައިނާއިން އެދޭ ގޮތަށް، ކަންތައް ކޮށްދޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއާެއެކު ޗައިނާ ސަރުކާރުން ޓެސްޓިންގ ސިސްޓަމެއް މާލެ އެއާޕޯޓްގައި އެބަ ތައްޔާރުކޮށްދޭ، ދުވާލަކު 1000 ޓެސްޓު ހެދޭ ވަރުގެ، އެހެންވީމަ ޗައިނާއާއެކު އަޅުގަނޑުމެން ގެންދާނީ އެގޮތަށް"،

ރައީސް ވިދާޅުވީ، އެހެން ގައުމުތަކާއެކުވެސް މަޝްވަރާއާއެކު އެ ގައުމުތަކުން އެދޭ ގޮތްތައް ހޯދައިދޭނެ ކަމަށެވެ.

"ޖުމްލަކޮށް އަޅުގަނޑުމެން މި އޮތީ ބޯޑަރު ހުޅުވާލާފައި، ހާއްސަކޮށް ވަކި ގައުމަކުން ވަކި ކަމެއް ކުރަން ބުނެފިއްޔާ އެކަމެއް އަޅުގަނޑުމެން ކުރެވޭތޯ ބަލާނަން. އެސްއޯޕީ މިހާރު އޮތީ ތައްޔާރުވެފައި،". ރައީސް ވިދާޅުވިއެވެ.

ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލަނީ މިއަހަރުގެ ބާކީ އޮތް ހަމަސް ދުވަސް ތެރޭގައި ނުވަ ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމުގެ އުއްމީދުގައެވެ.