ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން ދަރުމަވެރިޔާ އަހްމަދު ހިޝާނަށް ދީފައިވާ ގައުމީ އިނާމާއި ގުޅޭގޮތުން ގިނަބަޔަކު ވާހަކަދައްކަމުން ދާތީ އެ އިނާމު ސަރުކާރާއި ހަވާލުކޮށްދޭނެ ކަމަށް ހިޝާން ބުނެފިއެވެ.

ހިޝާން އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ދިޔައީ ބަލަމުންނެވެ. އެ މައްސަލަތައް ފެންތިވުމާއެކު ގިނަބަޔަކު އޭނާއަށް ދިޔައީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

އޭނާ ހަތް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގުކޮށް ދައުވާ ކުރަން މީގެ ކުރިން ފުލުހުން ވަނީ ޕީޖީއަށް ފޮނުވައިފަައެވެ. ނަމަވެސް އިއްޔެ ޕީޖީ އޮފީން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ހެކި ނެތިގެން އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައެވެ.

ހިޝާން އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާއާ ދެކޮޅަށް ކުރެވުނު ތުހުމަތަށް ޖަވާބުދާރީވެ ތަހްޤީޤަށް އެއްބާރުލުން
ދިނުމަށްޓަކައި އަމިއްލައަށް އެއާރޕޯޓްގައި ފްލައިޓުން ފައިބާ ފުލުހުންނާއި ވާނީ ޚަވާލުވެފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އޭނާ ލަންކާއަށް ފުރަން ވެގެން ފްލައިޓަށް އަރާ އިންދާ ފުލުހުން ވަނީ އޭނާ ފުރުން ހުއްޓުވާފައެވެ. އަދި އޭނާގެ ޕާސްްޕޯޓް ވަނީ ހިފަހައްޓާފައެވެ.

އޭނާ ރާއްޖެއިން ބޭރަށް ދާން ފުރާފައި ވަނީ، އޭނާއަށް އިންޒާރު ދެމުންދާ ކަމަށް ޓްވީޓްތަކެއް ކުރުމަށް ފަހުއެވެ.

"ފުލުހުން ވަނީ ރަސްމީކޮށް އަޅުގަނޑާއި ދެކޮޅަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ދައުވާއެއް ކުރެވޭނޭ ފަދަ ހެކި ނެތްކަމަށް އަންގާފައެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތުހުމަތެއް ކުރެވިއްޖެނަމަ ފުލުހުން އެކަމެއް ތަހްގީގު ކުރަންޖެހެއެވެ. ފުލުހުން އެވަނީ އެބޭފުޅުންގެ ޒިންމާ އަދާކޮށްފައެވެ". އޭނާ ފޭސްބުކްގައި ކުރި ޕޯސްޓުގައި ވެއެވެ.

ހިޝާން ބުނީ، އޭނާއަށް ސަރުކަރުން ދީފައިވާ ގައުމީ އިނާމާއި މެދު ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

"ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ އަޅުގަނޑަށް ސަރުކާރުން ދީފައިވާ ގައުމީ އިނާމާއި މެދު ޝަކުވާ ކުރަމުންނެވެ. އެހެންކަމުން ގައުމީ އިނާމުވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަރުކާރާއި އަނބުރާ ހަވާލުކޮށްދޭނަމެވެ". އޭނާގެ ޕޯސްޓުގައި ވެއެވެ.

ޕީޖީ އޮފީީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު އިއްޔެ ވިދާޅުވީ، ހިޝާންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށާއި، ހިޝާން ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ލިބިފައިވާ ހެކި ގަރީނާއަށް ބަލާއިރު ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ، ހިޝާންގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގައި އޭނާ ކުރި ކަމަށް ބުނާ ކުށުގެ ހާދިސާތައް ހިނގިތާ ގިނަދުވަސްތަކެއް ވެފައިވާތީ ޖިނާއީ ދައުވާކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ.