ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތު ބިލު"ގެ މަސައްކަތް އަންނަ މަހުގެ 15ވަނަ ދުވަހަށް ނިންމުމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީން ބުނެފިއެވެ.

އެ ކޮމެޓީން މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ކޮމެޓީގެ މުގައްރިރު އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު އެ ކޮމެޓީ އިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ނިންމާނެ ސުންގަނޑިއެއް ކަނޑައަޅާފައިވާއިރު އަންނަ މަހުގެ 15 އަކީ ބިލުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ސުންގަނޑި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅާފައިވާ އެ ބިލު ބަޔާން ކުރާ ގޮތުގައި ކޮމިޝަނަރު އޮފް ޕޮލިސް އަކީ ފުލުހުންގެ ހިދުމަތް ހިންގާ ބަލަހައްޓާ އަމުރުކޮށް އެންގުންތައް އަންގާ ފުލުހުންގެ ހިދުމަތް ހިންގުމުގެ ޒިންމާ އުފުއްލަވާ ބޭފުޅާއެވެ. ކޮމިޝަނަރު އޮފް ޕޮލިސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންގެ ހަރަކާތްތައް ހިންގާ ފުލުހުންގެ މަސައްކަތްތަކަށް ލިބެންހުރި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހެޔޮގޮތުގައި ބޭނުންކޮށް ފުލުހުންގެ ވާޖިބު އެންމެ ނަތީޖަ ނެރެދޭ ގޮތެއްގައި އަދާކުރުން ހިމެނެއެވެ.

ބިލުގައި ބުނެފައިވަނީ ފުލުހުންގެ ވަކިވަކި މަގާމުތަކުން އަދާކުރާނެ މަސްއޫލިއްޔަތަކީ ކޮބައިކަން ކަނޑައެޅުމާއި ވަކިވަކި ފުލުހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރުވެސް ކޮމިޝަނަރު އޮފް ޕޮލިސްއަށް ލިބިގެންވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތާއި ގުޅޭ ގޮތުން ވަކިވަކި ފުލުހުންނަށް އަމުރު ކުރުމާއި ފުލުހުންގެ ހިދުމަތުގައި ހިމެނޭ މެންބަރުންނަށް ނުވަތަ އާއްމުކޮށް ނުވަތަ ވަކި މަގާމުތަކުގައި ތިބޭ ބަޔަކަށް އަމާޒުކޮށް އެކިއެކި އަމުރުތައް ކުރުމާއި އެ އަމުރުތަކަށް ބަދަލު ގެނައުމުގެ ބާރުވެސް ކޮމިޝަނަރު އޮފް ޕޮލިސްއަށް މި ބިލުން ވަނީ ދީފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އައްޔަން ކުރާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުން ވަޒަންކޮށް ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރު އޮފް ޕޮލިސް އަކަށް އައްޔަން ކުރެވޭ މީހަކީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްއަށްވުރެ މަތީ ރޭންކެއްގައި ހުރި ބޭފުޅަކަށް ވާންޖެހެއެވެ. އަދި މި ބިލު ފާސްވެ ގާނޫނަކަށްވާއިރު ކޮމިޝަނަރު އޮފް ޕޮލިސް އަކަށް މީހަކު އައްޔަންކޮށްފައިވާ ނަމަ އެ މަގާމަށް އިތުރު މީހަކު އައްޔަން ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ބިލުގައި ބަޔާންކޮށްފައިވާ މާއްދާތައް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހިނގާނެ ކަމަށް ބިލުގައިވެއެވެ.

މި މަގާމަށް ކުރިމަތިލާން ހުޅުވާލާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުންނެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އެ ބޯޑުން އިންޓަވިއު ކުރަންޖެހޭނެއެވެ. އަދި އެ ބޯޑުން ކަނޑައަޅާ އިމްތިހާނުތައް ހެދުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ. ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަން ހުށަހަޅާ ފަރާތްތައް ޕްރޮމޯޝަން ބޯޑަށް ނަން ހުށަހެޅުމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު މެދުވެރިކޮށް ކޮމިޝަނަރު ކަމަށް އެފަރާތްތައް ކަނޑައެޅުމުގެ ޝަރުތު ހަމަވޭތޯއާ އެ މަގާމަށް ކުރިމަތިލާފައި ތިބި ބޭފުޅުންނަކީ އަބުރުވެރި ބައެއްތޯއާ އެމަގާމަށް ކުރިމަތިލާފައިވާ ތިބި އެއްވެސް ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށްވާ ނަމަ އެ ސަބަބުވެސް ހިމަނައިގެން އެ މަގާމަށް ކުރިމަތިލާފައިވާ ކޮންމެ ބޭފުޅަކާއި ގުޅޭ ރިޕޯޓެއް މި ދެތަނުން ޕްރޮމޯޝަން ބޯޑަށް ދޭންޖެހެއެވެ. އަދި އެ ރިޕޯޓު ހޯމް މިނިސްޓަރަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސްއެއް އައްޔަން ކުރާނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވެ އިތުރު ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރިން މަގާމުގައި ހުންނެވި ކޮމިޝަނަރު އޮފް ޕޮލިސް އެ މަގާމުގައި ބަހައްޓަން ހޯމް މިނިސްޓަރަށް ފެންނަ ހިނދެއްގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ އުސޫލެއް ނުހިނގާނެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސްއަކީ ފުލުހުންގެ ހިދުމަތުގައި މަދުވެގެން 15 އަހަރު ދުވަހު ހިދުމަތް ކޮށްފައިވާ މީހަކަށް ވާންޖެހޭނެއެވެ. އަދި އެމީހަކީ މަދުވެގެން ތިން އަހަރު އެގްޒެކްޓިވް އޮފިސަރެއްގެ މަގާމު އަދާކުރެއްވި ބޭފުޅަކަށްވެސް ވާންޖެހޭނެއެވެ. އަދި އެ މަގާމަށް ކުރިމަތިލާ ބޭފުޅެއްގެ ތައުލީމާއި ތަޖުރިބާއާ ތަމްރީނުގެ އިތުރު ސިއްހަތަކީވެސް ޕްރޮމޯޝަން ބޯޑުން ކަނޑައަޅާ މިންގަނޑެއްގައި ހުންނަންޖެހޭނެ ބޭފުޅެއްކަން ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މަގާމަށް ކުރިމަތިލާ ބޭފުޅަކީ އެބޭފުޅަކަށް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ފާހަގަކޮށްފައިވާ ބޭފުޅަކަށްވެސް ވެގެން ނުވާނެއެވެ.

އެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން އިސްތިއުފާ ދެއްވަން ބޭނުންފުޅުވާ ނަމަ އެކަން އަންގަންޖެހޭނީ ފުލުހުންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެބޭފުޅެއްގެ އިސްތިއުފާ ގަބޫލުކުރަންދެން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ދެމި ހުންނަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. ކޮމިޝަނަރު އޮފް ޕޮލިސް މަގާމަށް ބޭފުޅަކު ކަނޑައެޅުމުގެ ބާރު ޕްރޮމޯޝަން ބޯޑަށް ލިބިދީފައިވީ ނަމަވެސް އެމަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކި ކުރުމަށް ހޯމް މިނިސްޓަރަށް ފެންނަ ހިނދެއްގައި އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ. އަދި އެ ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް "ބިނާކޮށް" ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާއަށް ވަކި ކުރެވިދާނެއެވެ.

ނަމަވެސް އެފަދަ ހުށަހެޅުމެއް މިނިސްޓަރަށް ހުށަހެޅޭނީ ބިލުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކުރައްވައިފި ނަމައެވެ. އެގޮތުން ޖިނާއީ ކުށެއް ސާބިތުވިކަން ޝަރުއީ އެއްވެސް ކޯޓަކުން އެންގުމާއި ޖިނާއީ ކުށެއް ނުވަތަ ކޮރަޕްޝަންގެ އެއްވެސް ދައުވާއެއް އެބޭފުޅެއްގެ މައްޗަށް އުފުލުމުގެ ސަބަބުން މަގާމުގައި ދެމިހުރުން ރަނގަޅު ނޫން ކަމަށް ޕްރޮމޯޝަން ބޯޑުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ ސިއްރު ވޯޓަކުން ނިންމުމެވެ. ނުވަތަ މި ބިލު ފާސްވެ ގާނޫނަކަށްވާ ހިސާބުން ފެށިގެން ހެދޭ ގަވާއިދެއްގެ ދަށުން އެމަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ސަސްޕެންޑު ކުރުމާއި ދިމާވާ ސިއްހީ ހާލަތާއި ހުރެ ވަޒީފާ އަދާކުރަން ނުކުޅެދުމާއި އެ މަގާމުގައި ހުންނެވި ބޭފުޅެއްގެ އަމިއްލަ ރުހުމުގައި ދައުލަތުގެ އެހެން މަގާމަކަށް ބަދަލުވުމާއި ނުވަތަ އައްޔަންކުމާއި ފުލުހުންގެ ތައުދީބީ ކުށެއް އެމަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަވެސް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކި ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ހޯމް މިނިސްޓަރަށް ހުށަހެޅިދާނެއެވެ.