ބޭރުގެ ބައެއް ޤައުމުތަކަށް ކަނޑައަޅާފައިވާ ފަސް ސަފީރަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހުރިއްޔާ ފޮނުއްވައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ފަސް ބޭފުޅުންގެ ތެރޭގައި ހިމެނެނީ ތިން އަންހެން ކަނބަލުންނާއި ދެ ފިރިހެން ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ތިން އަންހެން ބޭފުޅުންގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައިމިނަތު ޝަބީނާ ހިމެނިވަޑައިގަންނަވައެވެ. އޭނާ އަކީ މިހާރު އިންޑިއާގައި ހުންނަ ދިވެހި އެކްޓިން ހައި ކޮމިޝަނަރެވެ. ޝަބީނާ ވަނީ ފޮރިން ސާވިސްގައި 26 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި އޭނާ ވަނީ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ.
ދެން ނަން ފޮނުއްވީ ބަންގްލަދޭޝްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުގެ މަގާމަށް ކަނޑައަޅުއްވާފައިވާ ޝިރުޒިމަތު ސަމީރެވެ. އޭނާ އަކީ މިހާރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީއެވެ. ފޮރިން ސާވިސްގައި ޝިރުޒިމަތު ވަނީ 12 އަހަރާ ތިން މަސް ހޭދަ ކުރައްވާފައެވެ. އަދި އޭނާ ވަނީ މާސްޓާސް އިން ސޯޝަލް ސައިންސް ހާސިލްކުރައްވާފައެވެ.
ޕާކިސްތާނަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ފަރްޒާނާ ޒާހިރު ކަނޑައަޅާފައިވާއިރު އޭނާއަކީ މިހާރު ނިއުޔޯކްގައި ހުންނަ އދ އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބެވެ. ފޮރިން ސާވިސްގައި ފަރުޒާނާ ވަނީ 19 އަހަރާ 5 މަސް ހޭދަ ކުރައްވާފައެވެ. އަދި އޭނާ ވަނީ މާސްޓާސް އިން ޑިވެލޮޕްމެންޓް ސްޓަޑީޒް ހާސިލްލުރައްވާފައެވެ.
އިންޑިއާއަށް ކަނޑައަޅުއްވާ ރާއްޖޭގެ ސަފީރުކަމަށް ޑރ. ހުސެން ނިޔާޒް ކަނޑައަޅާފައިވާއިރު ނިޔާޒަކީ މިހާރު ޔޫ.އޭ.އީގައި ހުންނަވާ ދިވެހި ސަފީރެވެ. ފޮރިން ސާވިސްގައި 14 އަހަރާ 8 މަސް ހޭދަ ކުރައްވާފައިވެއެވެ.
މީގެއިތުރުން ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބު ކަމަށް ޑރ. އާސިމް އަހްމަދު ވަނީ ކަނޑައަޅާފައެވެ. އޭނާ އަކީ މިހާރު ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޑރ. އާސިމް އަކީ ފޮރިން ސާވިސްގައި އެއް އަހަރާ ތިން މަސް އަދި ޔުނިސެފް/އައި.އެލް.އޯ-ޔޫއެން އެސްކެޕްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
މަގާމަށް އައްޔަންކުރުމަށް މިއަދު ނަން ފޮނުއްވި ހުރިހާ ބޭފުޅުންނަކީވެސް މިހާރުވެސް ފޮރިން ސާވިސްގައި މަސައްކަތްކުރައްވާ ކެރިއާ ޑިޕްލޮމެޓުންނެވެ. އަލަށް އައްޔަންކުރެވޭ ސަފީރުންނާއެކު ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން އުފެދިގެންދާނެއެވެ. އެގޮތުން 9 ބޭފުޅުންނަކީ އަންހެން ބޭފުޅުންނަށް އަދި 9 ބޭފުޅުންނަކީ ފިރިހެން ބޭފުޅުންނަށް ވާނެއެވެ.
އެގޮތުން އަންހެން ބޭފުޅުން މިޝަންތަކުގެ އިސްވެރިންގެ ގޮތުގައި ދެން ތިއްބަވާނީ ޕާކިސްތާން، މެލޭޝިއާ، ޗައިނާ، ބަންގްލަދޭޝް، ޔޫއޭއީ، އިނގިރޭސިވިލާތް މި ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގަޔާއި، ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލް ޖެނެރަލް އާއި، ނިއުޔޯކްގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ އިތުރުން ތައިލެންޑްގައި ހުންނަ ޔޫއެން އެސްކެޕް އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ގޮތުގައެވެ.
ދެން ކޮންއިރަކުންތަ ޖަލުގަތިބި ގައިދީންގެމެދުގަ މިންތީގެ ހަމަހަމަކަން ގާއިމުކުރަނީ، ތިންހަތަރުހާސް ފިރިހެނުން ޖަލަށްލާފަ ހައެއްކަ އަންހެނުން ޖަލަށްލީމަ ކަމަކުނުދެއެއްނު، ބޮޑެތި ފުރޮޅުލީ ގޮނޑިތަކުގަ އެކަނި އޮންނަކަމެއްތަ ތިޔާ.
ތިޔަހެން ހަމަހަމަ ކުރަންޖެހެނީ އަހަރުމެން! އެކަމު ތިޔަކަމަށް މީހުންނަށް މަޖުބޫރުކުރުވާ އެއްވެސް ޤައުމަކުން ތިޔަހެން ނުހަދާ! ނަޝީދު މަޖްލީސްވެސް ހަމަހަމަ ކުރަންވީނު!
މަރުޙަބާ ރައީސް. ޙަމަ ހަބޭސް.