ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ގާނޫނުން ދީފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ނުކުރާ މައްސަލަ މިނިވަން މުއައްސަސާތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެންއައިސީގެ ދައުރު އެންމެ ފުރިހަމައަށް އަދާނުކުރެވޭ ކަމަށް ގަބޫލުކުރާކަމަށެވެ. އެކަން 241 ކޮމިޓީއަށް ފާހަގަ ކުރެވިގެން އިތުރަށް އެ މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިހާރު ފޮނުވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެންއައިސީގެ މައްސަލަ އަކީ މަޖިލީހުގެ މެންބަރުންގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ބޭނުންވި މައުލޫމާތު ނުދިން މައްސަލާގައި މެންބަރުން ވަނީ އެންއައިސީގެ މެންބަރުން ވަކިކޮށް އާ މެންބަރުން އެ މަގާމުތަކަށް އައްޔަން ކުރުމަށް ގޮވާލައިފައެވެ.

ދާދިފަހުން ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ ހުށަހަޅާ ކޮންމެ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި މިހާތަނަށްވެސް ގިނަ މައްސަލަތަކެއް ޕްރޮސިކިއުޓަރު ޖެނެރަލް އަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެތަނުން ދައުވާ ކުރާނީ އެ އިދާރާ އަށް ފެންނަ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

“ޖިނާއީ މައްސަލައިގައި އޮންނާނީ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރަން، އެހެން ނޫން ކަމަށް ވާނަމަ ހުށައެޅިއަސް އެ ދައުވާއެއް ކުރުމަށް ޕީޖީ ފަހަރެއްގައި އިންކާރު ކޮށްފާނެ، އެހެންވީމާ ހަގީގަތުގައި އެ މިންވަރަށް ސާބިތު ނުވާހާ ހިނދަކު އަޅުގަނޑުމެންނަށް ދައުވާ ކުރުމަށްޓަކައި ޖިނާއީ މައްސަލައެއް ގޮތަށް ހުށައެއްނޭޅޭނެ،” އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ސުލައިމާން ވިދާޅުވިއެވެ.

ސުލައިމާން ވަނީ އެންއައިސީ އަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ވެސް ފާހަގަކުރައްވާފައެވެ. މައްސަލަ ހުށައަޅާ ފަރާތްތަކާ ފަހުން ކޮންޓެކްޓް ކުރަން އުނދަގޫވުމާއި، ދަތުރުތައް ކުރުމަށްދާ ޚަރަދުގެ އިތުރުން، އެންއައިސީގެ ދައުރު އަދާ ކުރުމުގައި ދިމާވާ މުވައްޒަފުންގެ ދަތިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.