މިއަހަރު ތެރޭގައި ފަރުކޮޅު ފުށީގައި ޓޫރިޒަމް ޓްރެއިނިން ސްކޫލެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ވަރަށް ގިނަ ޑިވެލޮޕްމެންޓްތައް އިއުލާނު ކުރާނެ ކަމަށެވެ.
އޭގެ ތެރޭގައި ފަރުކޮޅު ފުށި ހިމެނޭ ސަރަހައްދުގައި ހިމެނޭ ޑިވެލޮޕްމަންޓްތަކާއި އެހެނިހެން ޑިވެލޮޕްމަންޓް ހިމެނޭ ކަމަށް ސުހައިލް ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ، މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމަކަށް ވާނީ ވަޒީފާގެ ފުރުސަތު ކަމަށާއި މިކަމުގެ ސަބަބުން އިތުރު ދާއިރާތަކުން ވަޒީފާގެ ފުރުސަތު ހުޅުވިގެން އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"މިއަހަރު މަސައްކަތް މި ކުރަނީ ޓޫރިޒަމް ޓްރެއިނިން ސްކޫލެއް ގާއިމު ކުރަން. ސަރުކާރުންވެސް އިންޓްރެސްޓް އެބަހުރި ޓްރެއިނިން ސްކޫލެއް ގާއިމް ކުރުމުގެ ކަންތަކަށް" ސުހައިލް ވިދާޅުވިއެވެ.
ފަރުކޮޅު ފުށީގައި ގާއިމު ކުރާ ޓޫރިޒަމް ޓްރެއިނިން ސްކޫލްގެ ކަންތައް ސަރުކާރާއި ގުޅިގެން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށް ސުހައިލް ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ޖެހިގެން އޮންނަ ފަރުކޮޅުފުއްޓަކީ ކޮވިޑް-19 ގެ ސަބަބުން މީހުން ކަރަންޓީން ކުރުމަށް ފުރަތަމަ ހަމަޖެއްސި އެއް ފެސިލިޓީއެވެ.
މީ އެޗްޑީއަށް ލާރިގަނޑެއް ހޯދުމަށް ކުރާ ވަރަށް ދެރަކަމެއް. ގައުމީ ޔުނިވަސިޓީން މިކަން ކުރުމަށް އާދޭސް ކޮށް ކޮށް އޮއްވައި ބޭރުބަޔަކަށް މިކަން ދިނުމަށް ކުރަމުންދާ މަސައްކަތެއް. އެމްއެންޔޫއިން އިނޓަނެޝަނަލް ޓޫރިޒަމް ޓްރެއިނިން ސްކޫލެއް ގާއިމް ކޮށްފިނަމަ ދިވެހިރާއްޖޭގެ ނަން އިތުރަށް ވިދާލާނެ. ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބިގެން ދާނެ. ގައުމުގެ ލާރިގަނޑު ގައުމުގައި ހިފެހެއްޓޭ. ލިބޭވަގުތީ ފައިދާއަށް މިކަން ނުކުރައްވާ.