އައްޑޫ ސިޓީ މީދޫގައި ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ 30 އަހަރުގެ ދިވެހި ފިރިހެން މީހާގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 16 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރު ކޮށްފައިވާ ކަމަށާއި އެއަމުރު މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން އެކޯޓުގައި އެދުމުން އެކޯޓުން އިއްޔެ އެއަމުރު މުރާޖައާކޮށް، މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ގޭބަންދުގެ ބަދަލުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަލުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް މެއި 28 ވަނަ ދުވަހު ހުށަހެޅުނު މިމައްސަލައިގެ ތަހުގީގަށް 30 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މެއި 29 ވަނަ ދުވަހު ކަމަށާއި ތަހުގީގުން އޭނާ 65 އަހަރު އަދި 66 އަހަރުގެ އިތުރު ދެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.