ރާއްޖެ ފެހިކުރުމުގެ ބިޔަ ބޮޑު ހަރަކާތެއް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވީ ޑިސެމްބަރު 15، 2018 ގައެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމުގައި ގަސްތަކުގެ ދައުރު އަންގައިދިނުމާއި ގަސް އިންދައި ބެލެހެއްޓުމަށް މީހުން އަހުލުވެރިކުރުމުގެ އިތުރުން ރާއްޖެ އިން ނެތެމުންދާ ގަސްތައް ފާހަގަކޮށް އެ ގަސްތައް ދިރުވާ އާލާކުރުމެވެ.

އޭރު އެ ޕްރޮރާމް އެންމެ ފުރަތަމަ ފެށީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެންނެވެ. އޭގެ ފަހުން ސްޓެލްކޯއިންވެސް ވަނީ ގަސް އިންދުމުގެ މަސައްކަތް ފަށައިފައެވެ.

ސްޓެލްކޯއިން މި މަސައްކަތަށް ޚާއްސަ އިސްކަމެއް ދީފައިވާނެ ކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ފާހަގަކުރައްވައެވެ.

"އަޅުގަނޑުގެ އަމާޒަކީ ރައީސް ސޯލިހު ފައްޓަވައި ދެއްވި ރަށްފެހި ޕްރޮގްރާމަކީ ސްޓްލެކޯގެ ފަރާތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ޕްރޮގްރާމަކަށް ހެދުން. އަދި މި ޕްރޮގްރާމްގެ ސަބަބުން މިހާރުވެސް ލިބެމުން މިދާ ފަދައިން ތިމާވެއްޓަށާއި އަޅުގަނޑުމެންނަށް ފައިދާތަކެއް ލިބި، މި ޕްރޮގްރާމްގެ ފޯރި ކުރިޔަށް އޮތްތަނުގައި އިތުރުވާނެ،" މުގުނީ ވިދާޅުވިއެވެ.

ސްޓެލްކޯ އަކީ މި ޕްރޮގްރާމް މެދު ނުކެނޑި ހިންގަމުން އައި ހަމައެކަނި ކުންފުންޏަށް ވާއިރު މި ފުރަބަންދުގައި "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ މޭވާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރާއި މިއަހަރުވެސް "ސްޓެލްކޯ ރަށްފެހި"ގެ ނަމުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ.

އަދި މި ޕްރޮގްރާމްގައި އިންދާފައިވާ ބައެއް ގަސްތަކުން ތިމާވެއްޓަށް ފައިދާ ލިބުމުގެ އިތުރުން، މިހާރު ވަނީ މޭވާ ލިބެން ފަށައިފައެވެ.

ސްޓެލްކޯގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އެ ގަސްތައް ބަލަހައްޓަނީ އެތަނުގެ މުވައްޒަފުން ކަމަށެވެ.

" ވަރަށް ހިތްގައިމު އަސްލު މިހެން ގޯތި ތެރޭގައި ގަސްތައް ހުންނާތީ. ގަސް އިންދި އިރުވެސް ވަރަށް ވާދަވެރިކޮށް އިންދީ. އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ރަނގަޅުވޭތޯ. ދެން މިއިން މޭވާ ލިބުނީމަ އަސްލު ވަރަށް ހިތްހަމަ ޖެހޭ. މޭވާގެ ރަހަލީމަ އަސްލު ހިތްހަމަޖެހުން ލިބުނީ." އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން ތިލަފުށީ އިންޖީނުގޭގައި ސްޓެލްކޯގެ މުވައްޒަފުން އިންދާފައިވާ ބައެއް ގަސްތަކުން ލިބިފައިވާ މޭވާގެ ތެރޭގައި ދޮންކެޔޮ، އަނބު، ޖަނބުރޯލު އަދި ކުންނާރުގެ ހިމެނެއެވެ.

މިތަކެތި ލިބެން ފަށާފައި ވަނީ މިދިޔަ ރަމަޟާން މަހާއި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށްފައި ވަނިކޮށް ކަމަށްވާތީ، ތިލަފުށިން ލިބުނު މޭވާގެ ބައެއް ބާވަތްތައް އެ ރަށުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ވަނީ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން އއ. ފެރިދޫ އިންޖީނުގޭގައި "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން އިންދި ބައެއް ގަސްތަކުންވެސް ބައެއް ތަކެތި ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

އެ ރަށުން ލިބުނު ތަކެތީގެ ތެރޭގައި މޭވާ އާއި ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކުންނާރު، މިރުހުގެ އިތުރުން ކަރަޔާއި މުރަނގަތޮޅި ވެސް ވަނީ ލިބިފައެވެ.

އދ.މަހިބަދޫގައި ވެސް ބައެއް މޭވާތައް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ޖަބުރޯލުފަދަ މެވާތައް ހިމެނެއެވެ. މީގެ އިތުރުން ދިވެހިން އާއްމުކޮށް ބޭނުން ކުރާ ކޮޕީ ފަތް ފަދަ ފެހިފަތުގެ ބާވަތްތައް އެތަނުގައި ވަނީ އިންދައިފައެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން ހިދުމަތްދޭ 35 ރަށުގައި މިދިޔަ އަހަރު 2000 ގަސް އިންދާފައިވެއެވެ.

އަދި މިއަހަރު އެ ކުންފުނިން ވަނީ 3000 ގަސް ވަނި އިންދާފައިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ތިޔަ މުޤުނީއަކީ އިސްތިހާރުވާން އުޅޭމީހެއް. އެއްވެސް ކަމެއްވާ މީހެއްނޫން

  2. ފެހިރައް

    މީގެ 20 އަހަރުކުރިންފެށިގެންވެސް ކ.ގުރައިދޫ އިންޖީނުގޭގައި ބަގީޗާގަހާއި ގިނައަދަކަށް ކަބޯތަކެތިއަޅާގަސްހައްދާ މުޅިރާއްޖޭގަވެސް އެހާހިތަގއަމުއިންޖީނުގެއެއް ނުހުންނާނެހެންހީވަނީ.. ބޮޑަށްވައްތަރީ ގެސްޓްހައުސްއަކާ...