ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ މެރިޓައިމްގެ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސީ ފެއަރރަރސް ދުވަހާއި ގުޅިގެން މިނިސްޓަރު ނަހުލާ ދެއްވި ހިތާބުގައި ވިދާޅުވީ، އާއިލާ އާއި ލޯބިވާ ފަރާތްތަކާއި ދުރުގައި ކަނޑުމަތީ އުޅޭ ސީމަނުންނަށް އޮތް އެންމެ ބޮޑު ބިރަކީ މުސާރަ ނުލިބުމާއި، ފެނާއި ކާބޯތަކެތި މަދުން ލިބުމާއި ސިއްހީ ކަންކަން ހޯދުމަށް ދަތިތައް ދިމާވުން ކަމަށެވެ.

މިފަދަ ބިރުތަކެއް އުޅޭއިރު، ކޮވިޑް-19 ގެ ސަބަބުން މިކަންތައް އިތުރަށް ގޯސްވުމަށް މަގުފަހި ވެފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން މިކަމުން އަރައިގަތުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށް އެހީތެރިކަން ދިނުމަށް މިނިސްޓަރު ވަނީ އެދިފައެވެ. މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގްވާމީ ސީމަނުންގެ ދުވަހުގެ ތަހުނިޔާ މިނިސްޓަރު ވަނީ ދަންނަވާފައެވެ.

މެރިޓައިމް ދާއިރާއަކީ ރަނގަޅު ފުރުސަތުތަކެއް ހުރި، އާމްދަނީ ރަނގަޅު ދާއިރާއެއްކަން ފާހަގަކޮށް މިނިސްޓަރު ވަނީ ޒުވާނުން މިދާއިރަށް ޝައުގުވެރި ކުރުމަށްޓަކައި އެފަރާތްތަކަށް އެފުރުސަތުތައް ފަހިކޮށްދިނުން މުހިންމު ކަން ފާހަގަ ކޮށްފައެވެ.

"ބޭރު ފައިސާ ހޯދުމަށް ޓޫރިޒަމަށް ގައުމު ބަރޯސާވެފައިވާއިރު، މާޒީން ދައްކައިދީފައިވާ ފިލާވަޅަކީ، ޝިޕިންގ އާއި ސީފެއަރިންގެ އަކީ ގައުމަށް ބޭރުފައިސާ އިތުރު ކޮށްދީފައިވާ ސިނާއަތެއް ކަން. އެހެން ކަމުން ބޭރު ފައިސާ ހޯދުމަށް މިދާއިރާއަކީ މުހިންމުކަން ކުޑަ ދާއިރާއެއް ކަމުގައި ދެކޭގޮތް ބަދަލުކޮށް މިދާއިރާ އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރަން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ އިސްތިރާޖީ އެކްޝަން ޕްލޭންގައި ހިމަނައި އަމަލީ ފިޔަވަޅު އެޅުމުގެ ކަންކަން ފަށާފައިވާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، "ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓް" ތައާރަފް ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި ސީމަނުންނާއި ސުޕަރޔޮޓް ފަހަރުގައި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުން އުފައްދައި، ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

"30 ނެވިގޭޝަން އޮފިސަރުންނާއި 30 އިންޖީން އޮފިސަރުން ތަމްރީނު ކުރުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތް ފެށިފައިވާ ވާހަކަ މި ފުރުސަތުގައި އަޅުގަނޑު ފާހަގަ ކޮށްލަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހުވަފެން ހަގީގަތަކަށް ހެދޭނީ، ދުނިޔޭގެ ޝިޕިންގ ކޮމިއުނިޓީ ގަބޫލު ކުރެވޭ ފެންވަރަކަށް ރާއްޖޭގެ މި ސިނާއަތުގެ މިންގަނޑުތައް ބައްޓަން ކުރެވިގެން ކަމަށާއި ސިނާއަށް ތަރައްގީކޮށް ފުޅާކުރުމަށް އާ ވިސްނުންތަކާއި ވަސީލަތްތައް ތައާރަފް ކޮށްގެން ކަމަށެވެ.

"މިއަދު އަޅުގަނޑު މި ދަންނަވަނީ ވަޅުޖެހިފައިވާ މި ސިނާއަތް އަލުން ކުރިއަރުވާ ގައުމަށް އޭގެ މަންފާ އެންމެ އެދެވޭ ގޮތުގައި ހޯއްދެވުމަށް މަސައްކަތ ކުރަންވީ ވަގުތު" މިނިސްޓަރު ވިދާޅުވިއެވެ.

މި ފުރުސަތުގައި މިނިސްޓަރު ވަނީ މި ސިނާއަތް ކުރުއެރުވުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ދެއްވާ ސަމާލުކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފަންކާ

    މޮޔަފުޅުވީތޯ

    24
    3
  2. ކަހުރަބު

    މެރިޓައިމް ގެ ސްޕެލިންގ އެނގޭތޯ ހަމަ އަހާލީ

    28
    3
  3. އަބްދޫ

    މެރިޓައިމް ސަރުކާރުން ކިޔަވާދިނީ ނަސިދަށް އޭނަ އިހުމާލުވީމާ މެރިޓައިމްވެސް އިހުމާލުވާނެ ދޯ

  4. އެމަންޖެ

    ފޫހިވީކަންނޭގެ ކަމެއްނުކޮއް ހުންނަން.

  5. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ތިމީހާގެ ސަރުކާރަށް ދޮޅުއަހަރު ވެގެންދިޔައިރު، ތިޔަމަގާމުގަ ތިޔަމީހާ ހުންނަތާ ދޮޅުއަހަރު ފަހުން ތިވާހަކަ ބުނުން ނޫން ދެން ކުރިކަމެއް ނިކަން ބުނެދީބަލަ!

  6. ޑީޑީ

    ވިލާ ޝިޕިންގް އިން އެއްމެ ބޮޑައް ތި ދާއިރާ އަށް އިހްމާލް ވަނީ! ގޮސް ފިރި ސޮރު ކާރި ބުނޭ ތި ދާއިރާ ރަންގަޅު ކޮައް މުއަައްޒަފުން އަށް އިޙްމާލް ނުވާށެވެ.