ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ފައްސިވީ ދިވެހިންގެ އަދަދު އިއްޔެ ވަނީ 801 އަށް އަރާފައެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2277 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 419 މީހުންނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މި އަދަދު ދަށްވި ނަމަވެސް، އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން މިހާރު ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ ތިބި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ ތިން މީހަކަށެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެ، ބަލި ފެތުރޭ މިންވަރު އިތުރުވެގެން ދިޔައީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. އެގޮތުން މޭއި މަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއިން 1300 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާކަން ތަފާސްހިސާބުތަކުން އެނގެއެވެ.

އިއްޔެ ވެސް ރާއްޖެއިން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަދި އިއްޔެ މި ބަލިން ނުވަ މީހަކު ރަނގަޅުވެފައިވާކަން އެޗްޕީއޭއިން ވަނީ އިއުލާނުކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 64.82 އިންސައްތަ އަކީ ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް 1476 ބިދޭސީއަކަށް މި ބަލި ޖެހިފައި ވެއެވެ. މީގެ ތެރެއިން 1186 މީހުންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.

ރާއްޖެއިން ޖުމްލަ 1912 ފިރިހެނަކާއި 357 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 219 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި ތިބީ 312 މީހެކެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 110 ދުވަސް ވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިގެން 8 މީހަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޓޯ

    އެހެންތަ. ދިވެހިން އެކަނި ވިއަޔަ މިތާ އުޅެނީދޯ