އަންނަ ޖުލައި މަހު 15 ގައި ޢާންމުދަތުރުތަކާއި ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި މި ބައްދަލުވުމުގައި ރައީސް ވަނީ އަންނަ މަހުގެ 15 ގައި ޢާންމުދަތުރުތަކާއި ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާކުރައްވައި، އަދި އެ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އެގޮތުން ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލުމާބެހޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި އަދި ކޮވިޑް-19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލާއިރު އެކި ދާއިރާތަކުން ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިންނާއި، ފަސިންޖަރުންގެ ސަލާމަތަށް އެއަރޕޯޓްތަކުގައި އަޅާނެ ފިޔަވަޅުތަކާއި، ކޮވިޑް-19 ސްކްރީންކުރުމުގެ ކަންކަން އެއަރޕޯޓްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިޔަށްގެންދާނެ ގޮތްތަކާއި، މިކަންކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމާއި، ކޯވިޑްއަށްފަހު ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ ކަންކަމުގައި ޢަމަލުކުރާނެ ގޮތްތަކާބެހޭގޮތުން ކުރެވުނު މަޝްވަރާތައް ހިމެނެއެވެ.

މި ބައްދަލުވުމުގައި ރައީސް ޞާލިހްގެ އިތުރުން ނައިބު ރައީސް ފައިޞަލް ނަސީމާއި، ކަމާގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ޞިއްޙީ މާހިރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާއި، އެއަރޕޯޓްތަކާއި އަދި އިމިގްރޭޝަންގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމާ ގުޅޭ ބައެއް އިދާރާތަކުގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.